ވިޔަފާރި

ސަބްމެރިން ކޭބަލް އެޅުމަށް އައިއެފްސީން ދިރާގަށް 30 މިލިއަން ޑޮލަރު


ދިރާގުން އަޅާ ސަބްމެރިން ކޭބަލްއަށް މާލީ އެހީ ދިނުމުގެ ދެވަނަ ލޯން ފެސިލިޓީ އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިރާގާއި ވޯލްޑް ބޭންކް ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިންނެވެ. 30 މިލިއަން ޑޮލަރުގެ މި ދެވަނަ ފެސިލިޓީގެ ސަބަބުން ދިރާގުގެ ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމް ޕްރޮޖެކްޓަށް އެހީތެރިކަން ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ގްލޯބަލް އިންޓަރނެޓް ހުޕަރހައިވޭއާ ދިވެހިރާއްޖެ ގުޅާލައި ރާއްޖެއަކީ ދުނިޔޭގެ ޑިޖިޓަލް ހަބަކަށް ހެދުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން އިންޓަރނެޓްގެ ލެޓެންސީ ކުޑަކޮށް ކުރިއަށްވުރެ ފެންވަރު ރަނގަޅު އަދި ހެޔޮއަގެއްގައި ދިރާގު އިންޓަރނެޓް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ފަސޭހެވެގެންދާނެއެވެ.

ދެވަނަ ފެސިލިޓީ ސޮއިކުރުމާއެކު އައި.އެފް.ސީ އަދި އޭ.ޑީބީއިން ދިރާގަށް ދިން ފައިސާގެ އެހީ ޖުމްލަ 55 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި މި ފައިނޭންސިންގއާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާރއަށް ދިރާގުން ކުރާ އިންވެސްޓްމަންޓަށް އެހީތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނެކްޓިވިޓީ ހަރުދަނާވެގެންދާނެއެވެ.

ދިރާގުން ވަނީ މިދިޔަ އަހަރު މި ފައިނޭނެސިންގގެ ފުރަތަމަ ލޯން ފެސިލިޓީގައި ސޮއިކޮށްފައެވެ. 25 މިލައަން ޑޮލަރުގެ މި ފެސިލިޓީއިން ދަނީ އެ ކުންފުނީގެ ވަރކިންގ ކެޕިޓަލް އަދި ކެޕިޓަލް އިންވެސްޓްމެންޓް ޕްރޮގްރާމަށް ޚަރަދުކޮށް ކަސްޓަމަރުންގެ އިތުރުވަމުންދާ ޑޭޓާގެ ބޭނުންތައް ފުއްދިގެންދާނެކަމަށް ދިރާގުން ބުނެއެވެ. މިގޮތުން ދިރާގުގެ 5ޖީ ޚިދުމަތް ފުޅާކޮށް، އިތުރު ރަށްރަށަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ކުންފުނީގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އެކްސްޕޭންޝަން ޕްރޮޖެކްޓަށް އެހީތެރިވާނެއެވެ.

މި އެއްބަސްވުމުގައި ސޮއެކުރުމަށްފަހު ދިރާގުގެ ސީ.އީ.އޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، މިއީ ރާއްޖޭ ސީ.މީ.ވީ 6 ސަބްމެރީން ކޭބަލް ސިސްޓަމްއާ ގުޅުވާދޭނެ މުހިންމު އިންވެސްޓްމެންޓެއްކަމަށެވެ. ސި.މީ.ވީ 6 ކޮންސޯޓިއަމްގެ މެމްބަރެއްގެ ގޮތުންނާއި މި ސިސްޓަމްގެ ކޯ-އޯނަރެއްގެ ގޮތުން ޔޫރަޕާއި ސިންގަޕޫރާއި ދެމެދުވާ ގިނަ އިންޓަރނެޓް ޑޭޓާ ސެންޓަރުތަކަށް ދިރާގަށް އެކްސެސް ލިބޭނެކަމަށެވެ.

"މީގެ ސަބަބުން ބައިނަލްއަޤްވާމީ ސްޓޭޖުގައި ދިރާގު އިތުރަށް ޝާމިލްވެ އަދި ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކޮށްދީ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީއަށް މަގުފަހިވާނެ. މީގެ އިތުރުން މި އިންވެސްޓްމަންޓަކީ އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް، ސޯޝަލް އެންޑް ގަވަރނަންސް (އީ.އެސް.ޖީ) ފަންކްޝަން ގާއިމުކުރުމަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް ކުރާ މަސައްކަތް ހާސިލްކުރުމުގައިވެސް އެޅޭ ވަރަށް މިހިންމު ބިންގަލެއް" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ފުޅާކޮށް ޑިޖިޓަލް އިޤްތިޞާދުގައި ޖަޒީރާ މުޖުތަމަޢުތަކަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.