ވިޔަފާރި

ދިރާގުގެ މިއަހަރުގެ ޗެއަރމަން އެވޯޑް ޝިނާޒަށް


ދިރާގަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ. މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ އިވެންޓެކެވެ.

މި އިވެންޓްގައި ވަނީ ކުންފުންޏަށް ޚިދުމަތްކޮށް ދޭތާ 10 އަހަރު، 15 އަހަރު އަދި 25 އަހަރުވީ 29 މުވައްޒަފެއްގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑްދީފައެވެ. މީގެ އިތުރުން ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ މުވައްޒަފުންނަށްވެސް އެވޯޑް ހަވާލުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ޑިވިޝަނަލް މެރިޓް 10 ސްޕެޝަލް މެރިޓް އެވޯޑް، 2 އިނޮވޭޝަން އެވޯޑް އަދި 2 އައުޓްސްޓޭންޑިން ލީޑާސް އެވޯޑެވެ.

މި ހަފްލާގައި އެންމެ ޝަރަފުވެރި އެވޯޑް ޗެއަރމަންގެ އެވޯޑާ ލިބިފައިވަނީ އެޑްމިނިސްޓްރޭޝަންގެ އެސިސްޓަންޓް މެނެޖަރ ސިވިލް، ސިނާޒަށެވެ. ވޭތުވެދިޔަ 6 އަހަރު ދިރާގަށް ޚިދުމަތްކޮށްފައިވާ ސިނާޒަކީ ކުންފުނީގެ އެކި ކަންކޮޅުތަކުގައި ހިންގާ ހުރިހާ ސިވިލް ޕްރޮޖެކްޓެއް މެނޭޖްކުރާ ޤާބިލް، ހީވާގި ލީޑަރެކެވެ.

ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާޢިލް ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ އަހަރުގައި އެވޯޑް ލިބުނު ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، ޤައުމު މުވާސަލާތީގޮތުން ގުޅާލުމުގައި ދިރާގުގެ ހުރިހާ މުވައްޒަފުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.