ޚަބަރު

ހުކުރު މިސްކިތް އިމާރާތުގެ ހާލަތު ދެެގަތުމަށް ޚާއްސަ ސަރވޭއެއް


އިންޑިއާގެ އެހީތެރިކަމާއެކު މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން މިސްކިތުގެ އިމާރާތުގެ އެތެރޭގެ ބައިތަކުގެ ދިރާސާތައް ކުރިއަށްގެންގޮސްފިއެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ.

އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ، ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.

ހުކުރު މިސްކިތް އޭރު ފެންނަން ހުރިގޮތަށް އަންނަން އޮތް ޖީލުތަކަށް ގެންދިއުމަށްޓަކާއި ނެޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެތެރެއިން މިހާރު ފަށާފައިވާ އެންމެ މުހިންމު މަސައްކަތަކީ މިސްކިތުގެ ސްޓްރަކްޗަރަލް ކޮންޒަވޭޝަނާއި ކެމިކަލް ޕްރިޒަވޭޝަންގެ މަސައްކަތެވެ. މިއީ މިސްކިތުގެ ބައިތަކާއި މިސްކިތުގެ ގޯތިތެރޭގައި ހުރި މަހާނަތައް ހިމެނޭހެން، އެ ތަކެތި ޒަމަނީ ގޮތްތައް ބޭނުންކޮށްގެން ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

މީގެތެރެއިން މިސްކިތުގެ ގޯތިތެރޭގައި ހުރި، ހިރިގަލު މަހާނަތައް ދިގުމުއްދަތަށް ފެންނާނެހެން ބެހެއްޓުމަށް ބޭނުންވާ ފަރުވާ ދިނުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ނެޝަަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖުން މަޢުލޫމާތުދެއެވެ.

އެއަށްފަހު މިސްކިތުގެ އިމާރާތުގެ ބިންގަލާ، އަދި އިމާރާތުގެ އެތެރޭގެ ސްޓްރަކްޗަރގެ ހާލަތު ދެނެގަތުމުގެ މަސައްކަތަށް އިންޑިއާގެ ޚާއްސަ ދިރާސާ ޓީމެއް ރާއްޖެ އައިސް އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ކަލްޗަރަލް ހެރިޓޭޖުން ވިދާޅުވެއެވެ.

އެގޮތުން ހުކުރު މިސްކިތުގެ ލާގޭގެ ސްޓްރަކްޗަރަލް އެނެލިސިސް ތައްޔާރުކުރުމަށް އިންޑިޔާގެ "ސެންޓްރަލް ބިލްޑިންގ ރިސަރޗް އިންސްޓިޓިއުޓް"ގެ 3 ސައިންޓިސްޓުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް މިސްކިތުގެ ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ދިރާސާގެ މަސައްކަތްތަކަށްފަހު، އިމާރާތަށް ބޭނުންވާ ފަރުވާ ދޭންވެސްވަނީ ފަށާފައެވެ.

މި ޓީމާ މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ ބައްދަލުކުރައްވާފައެވެ. އަދި މި ޓީމުގެ މަސައްކަތްތަކާއި، މިސްކިތުގެ ސްޓްރަކްޗަރގެ މަސައްކަތްތައް ރައްކާތެރިކަމާއެކު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިއީ ބޭރުގެ އެހީގައި ތަރިކައިގެ ދާއިރާއިން ކުރިއަށްގެންދެވޭ އެންމެ ބޮޑު މަސައްކަތެވެ. މިއީ އިންޑިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަސައްކަތެކެވެ.

ދުވަސްވުމުގެ ސަބަބުން ހުކުރު މިސްކިތުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ވެދާނެތީ، މީގެކުރިންވެސް މިސްކިތުގައި ވަގުތީ ތަނބުތަކެއް ޖަހާފައިވެއެވެ.