ވިޔަފާރި

ފިޔާ ބިސް އަލުވީގެ ހޯލްސޭލް އަގު އެސްޓީއޯއިން އަނެއްކާ ހެޔޮކޮށްފި


ރޯދައާއި ދިމާކޮށް އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށްފިއެވެ. މި އަގުތައް އިއްޔެއިން ފެށިގެން ވަނީ ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ވިދާޅުވީ، ފިޔާ، ބިސް، އަލުވީގެ ހޯލްސޭލް އަގަށް ގެނައި ބަދަލާއިއެކު މިހާރު ފިޔާ ބަސްތާއެއް ލިބޭނީ 160 ރުފިޔާއަށެވެ. ކުރިން ފިޔާ ބަސްތާއެއް ހުރީ 170 ރުފިޔާގައެވެ.

އަލުވި ބަސްތާއެއް ކުރިން ހޯލްސޭލްކޮށް ލިބެންހުރީ 250 ރުފިޔާއަށެވެ. ނަމަވެސް އަގު ހެޔޮކުރުމާއިއެކު މިހާރު އަލުވި ބަސްތާއެއްގެ އަގުވަނީ 240ރުފިޔާއަށް ހެޔޮވެފައެވެ. އަދި ބިސް ކޭހެއް ކުރިން 290 ރުފިޔާއަށް ވިއްކިއިރު މިހާރު ވިއްކަނީ 280 ރުފިޔާއަށެވެ.

އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދައާއި ދިމާކޮށްވެސް ފިޔާ ބިސް އަދި އަލުވީގެ ޝިޕްމަންޓްތައް ދުރާލާ ގެނެއެވެ. އަދި މިއަހަރުގެ ރޯދައަށްވެސް މިތަކެތި ހުސްނުވެ އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ޝިޕްމަންޓްތައް ގެނެސްފައެވެ.

އެސްޓީއޯއިން ރީޓެއިލްކޮށް މިތަކެތި ވިއްކާ އަގުތަކަށް ބަލާއިރު އަލުވި ކިލޯއެއް 11 ރުފިޔާއަށް، ފިޔާ ކިލޯއެއް 9 ރުފިޔާއަށް އަދި ބިހެއް ވިއްކަނީ 1.75 ރުފިޔާއަށެވެ.

އެސްޓީއޯއިން ވަނީ ރޯދަ މަހާ ދިމާކޮށް މުދާލިބުން ފަސޭހަކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ވިލެޖްގައި އައު ހޯލްސޭލް ސެންޓަރެއްވެސް ހުޅުވާފައެވެ.