ދުނިޔޭގެ ވިޔަފާރި

އޮސްޓްރޭލިއާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށަށް


އޮސްޓްރޭލިއާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ފެބްރުއަރީ މަހު ދަށްވެފައިވާ ކަމަށް އޮސްޓްރޭލިއަން ބިއުރޯ އޮފް ސްޓެޓިސްޓިކް، އޭބީއެސް އިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށްވެފައި މި ވަނީ ވިދިވިދިގެން ދެ މަސް ދުވަހު ވަޒީފާތައް މަދުވުމަށްފަހުއެވެ. އަދި މިހާރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ ވޭތުވެ ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައިވެސް ދަށް ނުވާ މިންވަރަށް ދަށްވެފައެވެ.

އޭބީއެސްގެ ހިސާބުތަކުން ދައްކާ ގޮތުގައި އޮސްޓްރޭލިއާގެ ޖުމްލަ ވަޒީފާގެ އަދަދު ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު ވަނީ 64600 އަށް އިތުރުވެފައެވެ. ވަޒީފާތައް އިތުރުވާނެ ކަމަށް މާކެޓުން ލަފާކުރި އަދަދަކީ 48،500 އެވެ.

މިއާއިއެކު ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ %3.7 ން %3.5 ށް ދަށްވެފައެވެ. އަދި މުވައްޒަފުން މަސައްކަތް ކުރި ގަޑިތައް ވަނީ %3.9 އަށް އިތުރުވެފައެވެ. ފުލްޓައިމް ވަޒީފާއަށް ފެބްރުއަރީ މަހު 74،900 ވަޒީފާ އިތުރުވެފައިވާއިރު، އޭގެ ކުރީ މަހު 43،300 ވަޒީފާ ވަނީ މަދުވެފައެވެ.

ވަޒީފާތައް އިތުރުވި ނަމަވެސް ސްވިޓްޒަލޭންޑްގެ އިންވެސްޓްމެންޓް ބޭންކް، ކްރެޑިޓް ސުއިސްގައި އުފެދުނު ހަލަބޮލިކަމުގެ ސަބަބުން ލޯނު ދިނުމުގެ މިންގަނޑުތައް ހަރުކަށި ކޮށްފިނަމަ، ދުނިޔޭގެ އިގްތިސާދު ރިސެޝަންއަށް ގޮސް އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އޮސްޓްރޭލިއާގެ އިންޓަރެސްޓް ރޭޓު އޭޕްރީލްގެ ނިޔަލަށް ދަށްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އިންވެސްޓަރުން އަންނަނީ މިކަމަށް އިންތިޒާރުކުރަމުންނެވެ.

އޭބީއެސްގެ ހެޑް އޮފް ލޭބަރ ސްޓެޓިސްޓިކްސް ބްޖޯން ޖާވިސް ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހު ވަޒީފާތައް އިތުރުވެފައި ވަނީ ޖެނުއަރީ މަހު ވަޒީފާތައް މަދުކޮށްފައިވުމާއިއެކު އާންމު ހާލަތަށްވުރެ ގިނަ ބަޔަކު ވަޒީފާތަކަށް އެނބުރި ދިއުމުންނެވެ.