ޚަބަރު

ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވައިފި


މިސަރުކާރުން ތަރައްޤީކުރި ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރަސްމީކޮށް ހުޅުވައިދެއްވައިފިއެެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ހުޅުވަައިދެއްވީ އެކަމަށްޓަކައި ފަރެސްމާތޮޑާ ރައްޔިތުންނާއެކު އެރަށުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ މިސަރުކާރުން ތަރައްޤީކޮށް ހުޅުވި ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ މިއެއަރޕޯޓަކީ ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވަނީ ފަރެސްމާތޮޑާ ފަޅުތެރޭގައި އޮތް ކުދި ރަށްތަކެއް ހިއްކާ ގުޅުވާލައިގެންނެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލަކީ ސަރުކާރުން އަތޮޅުތަކުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ތަފާތު ޑިޒައިނަށް ފަރުމާކޮށްފައިވާ އެންމެ ހިތްގައިމު ޓަރމިނަލެވެ. ޓަމިނަލްގެ އެތެރެވެސް ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސް ރީތި ފަރުމާއަކަށެވެ. މިއާއެކު މި އެއަރޕޯޓުން އެއްފަހަރާ 150 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދެއެވެ.

އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މިއަދު ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް އައިސްފައި ވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތަކެއް ވަޒީފާތަކެއް އުފެދި ރައްޔިތުންނަށް ލުއިފަސޭހަވެގެންގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ވައިގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތޮ ފައިދާތަކެއް ވާނެކަމަށެެވެ.

“ ހުވަދު އަތޮޅަކީ އޮޕަރޭޝަނަލް 2 އެއަރޕޯޓް އޮންނަ އަތޮޅު މި އެއަރޕޯޓާއެކު ރާއްޖޭގެ އެންމެ ގިނައިން އެއަރޕޯޓް އޮތް އަތޮޅަށް ވާނެ. މި އާއެކު އިޤްތިޞާދީ މަންފާ ލިބިގެންދާނެ.” ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި އެއާޕޯޓުގެ ޓާމިނަލް ބިލްޑިންގެ ފަރުމާއަކީ، މަސްވެރި ކަމުގެ އާމްދަނީގެ ގޮތުގާ، އެވްރެޖުކޮށް، މަހެއްގެ މައްޗަށް 6.7 މިލިއަން ރުފިޔާގެ ނަފާ ލިބޭ، ފަރެސްމާތޮޑާފަދަ، މަސްވެރި ރަށަކާއި ވަރަށް މުނާސަބު ފަރުމާއެއްކަމަށެވެ. އަދި ޓާމިނަލް ތެރޭގައި، ހިތްގައިމު ބަގީޗާއެއް އޮތް އޮތުމާއި ވީއައިޕީ ލައުންޖެއްގެ ޚިދުމަތް ލިބެން ހުރުމާއި ޓާމިނަލް ތެރޭގަ ކެފޭއެއް ހުރުމަކީ، މި އެއާޕޯޓު ހާއްސަވާ ކަންކަންކަމަށް އާޒިމް ވިދާޅުވިއެވެ.

“ކޯޒްވޭގެ މަސައްކަތް، މިހާރުވެސްދަނީ ހިނގަމުން. ލަސްތަކެއް ނުވެ، އެ މަސައްކަތް ނިންމާލެވޭނެ. އެއީ ފަރެސް މާތޮޑާއާ، މިއެއާޕޯޓާ ދެމެދު، ހެޔޮވަރު ފުޓުބޯޅަ ދަނޑެއްގެ ސައިޒުގެ ދިގު މިނުގަ، ދެކޮޅަށް، ވެހިކަލް ދުއްވޭ ގޮތަށް ހަދާ، އޮއިދެމޭ، ހިތްގައިމު ކޯޒްވޭ އެއް.” އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.