ޚަބަރު

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކުރި ހޭދަ މިދިޔަ އަހަރަށްވުރެ %12.3 އިތުރު


މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ އަދަދު މިދިޔަ އަހަރަށްވުރެ %12.3 އިތުރުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީ.އެސް.އައި.ޕީއަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ޤާއިމުކުރުމަށް ދައުލަތުން އިސްކަންދޭ މަޝްރޫޢުތައް ހިމެނޭ މެދުރާސްތާ ޕްލޭނެކެވެ.

މިއަހަރުގެ ޕީ.އެސް.އައި.ޕީ އެކުލަވާލާފައިވަނީ ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަނުދެވިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޖާގަދިނުމަށެވެ. ސަރުކާރުގެ ސިޔާސަތަކާ އެއްގޮތަށް މިއަހަރުގެ ބަޖެޓުން ބިޔަ މަޝްރޫޢުތަކަށް ޖާގަދެވިފައިވާނެކަން ފިނޭންސް މިނިސްޓްރީން މީގެކުރިން ވަނީ ފާހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫއުތަކަށް ޖުމްލަ 1.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި މަޝްރޫއުތަކަށް ހޭދަކުރި 1.3 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު %12.3 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ޕީ.އެސް.އައި.ޕީ ބަޖެޓުން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ މަގު ހެދުމާއި، ބިން ހިއްކުން އަދި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މަގު ހެދުމުގެ މަޝްރޫއުތަކަށް ޖުމްލަ 212.4 މިލިއަން ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މިދާއިރާގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ 80.3 މިލިއަން ރުފިޔާއާއި އަޅާބަލާއިރު %164.5 އިތުރު އަދަދެއްކަމަށް ތަފާސްހިސާބުތަކުގައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް މަޝްރޫއުތަކަށް ދެން އެންމެ ބޮޑު ޚަރަދެއްކޮށްފައި ވަނީ ބަނދަރު ހެދުމުގެ މަޝްރޫއުތަކަށެވެ. އެގޮތުން، ރަށްރަށުގައި ބަނދަރު ހެދުމަށް މިއަހަރުގެ މިހާތަނަށް 264.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ އަދަދަށްވުރެ %157.4 އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ 102.7 މިލިއަން ރުފިޔާއެވެ.

މިހާތަނަށް ބަޖެޓުން އެންމެ ދެން ގިނައިން ހޭދަކޮށްފައިވާ މަޝްރޫއުތައް

* ބިން ހިއްކުމުގެ މަޝްރޫޢުތަކަށް – 191 މިލިއަން ރުފިޔާ
* ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް – 153.3 މިލިއަން ރުފިޔާ
* ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކުރުމަށް –148.1 މިލިއަން ރުފިޔާ
* ސްކޫލްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް – 89.5 މިލިއަން ރުފިޔާ

މިއަހަރުގެ ބަޖެޓުގައި ޖުމްލަ 8.5 ބިލިއަން ރުފިޔާ ޕީ.އެސް.އައި.ޕީއަށް ކަނޑައަޅާފައިވެއެވެ. މިއީ ބަޖެޓުގެ 19.7 އިންސައްތައެވެ. ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާގޮތަށް ބަލާއިރު ދަޢުލަތުގެ ޑޮމެސްޓިކް ބަޖެޓުން 3.1 ބިލިއަން ރުފިޔާ، ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހިމަނާފައިވެއެވެ.

މިއަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓް ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމަށެވެ. މި ބަޔަށް ޖުމްލަ 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއީ ޕީ.އެސް.އައި.ޕީ ބަޖެޓުގެ 28.9 އިންސައްތައެވެ. މީގެ ތެރޭގައި ތިލަމާލޭ ބްރިޖް މަޝްރޫޢަށް 792 މިލިއަން ރުފިޔާ، އެކި ރަށްރަށުގެ އެއަރޕޯޓްތައް ތަރައްޤީކުރުމަށް 921.9 މިލިއަން ރުފިޔާ އަދި އެކި ރަށްރަށުގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމަށް 384 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.