ޚަބަރު

ތ.ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި، ނައިބް ރައީސަށް ދައުވާކުރުމަށް އެދި ޕީޖީއަށް


ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި، ނައިބް ރައީސަށް ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް އޭސީސީން ފޮނުވައިފިއެވެ.

މިމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށެވެ. މިދެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ގަވާއިދާއި ޚިލާފަށް ބިންތަކެއް ދޫކުރި މައްސަލައެއްގައެވެ.

އެގޮތުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން ޢަމަލުކުރަމުންއައި އުޞޫލާއި ޚިލާފަށް އިޢުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި މިދެމީހުން ވަނީ ސޮއިކޮށްފައެވެ.

ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސާއި، ނައިބް ރައީސްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.