ޚަބަރު

ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ހެނދުުނު 9 އިން މެންދުރު 1އަށް


މި ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުވެސް، ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 09:00އިން މެންދުރު 1:00 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

އެހެންކަމުން ކަނޑައަޅާފައިވާ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ އަންގަވާފައެވެ.

އާއްމު މަސްތަކުގައި ސަރުކާރުގެ ރަސްމީ ގަނޑިއަކީ ހެނދުނު 8:00އިން މެންދުރު 2:00އަށް، 6 ގަޑިއިރުގެ ވަގުތެވެ. ނަމަވެސް އާއްމުކޮށްވެސް ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަނޑިއަކީ 4 ގަޑިއިރެވެ. ނަމަވެސް އެކި އަހަރުތަކުގައި މި ވަގުތު ކަނޑައެޅުމުގައި ތަފާތެވެ. އެގޮތުން ބައެއް އަހަރުތަކުގައި ރަސްމީ ގަޑީގެ ގޮތުގައި ހެނދުނު 10:00އިން މެންދުރު 2:00އަށްވެސް މަސައްކަތް ކުރަމުން ދިޔައެވެ.

ރަމަޟާން މަހު ވަގުތު ކަނޑައެޅެނީ އާއްމު ދިރިއުޅުމުގެ ކަންކަމުގައި ވީހާވެސް ގިނަ ވަގުތު ލިބޭގޮތަށް، އާއްމުންނަށް ލުއިފަސޭހަވާނެގޮތަށެވެ.

ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ މަރޗްމަހުގެ 23 ވަނަ ދުވަހެވެ.