ޚަބަރު

ސިޔާސީ ޕާޓީތަކަށް ވަންނަން އެދޭ ފޯމް ހުށަހަޅަން ޕޯޓަލްއެއް


ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ ފޯމުތައް އޮންލައިންކޮށް ހުށަހަޅާގޮތަށް ހަމަޖައްސައި އެކަމަށް ޚާއްސަ ޕޯޓަލްއެއް އިލެކްޝަންސް ކޮމިޝަނުން ތަޢާރަފްކޮށްފިއެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި، ޕާޓީތަކުގެ މެންބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ނޭނގި ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން، ޕާޓީތަކަށް މެމްބަރުން ވައްދާ ފޯމަށް ދާދިފަހުންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެބަދަލުތަކާއިއެކު އިލެކްޝަނަށް ހުށަހަޅޭ ޝަކުވާތައް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.

ސިޔާސީ ޕާޓީތަކަށް ވަންނަން ހުށަހަޅާ ފޯމުތައް ފަސޭހައިން ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް އިލެކްޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. އެގޮތުން ޕާޓީއެއްގައި ދަފްތަރު ކުރުމަށް ފޯމު ހުށަހަޅަންޖެހޭނީ އެކަމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އޮންލައިންކޮށް ފޯމު ހުށަނޭޅޭ ހާލަތްތަކުގައި ފޯމު އިލެކްޝަނަށް ހުށަހެޅޭނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ޕާޓީތަކަށް ވަންނަ ފޯމު ރައްކާކުރަން ޖެހޭނީ ޕާޓީތަކުން:

ޕާޓީތަކަށް ވަނުމަށް ހުށަހަޅާ ކަރުދާސް ފޯމުތައް އިލެކްޝަނުން ރައްކާކޮށް ބެލެހެއްޓުމަށް ބޮޑު ޖާގައެއް ބޭނުންވެއެވެ. ނަމަވެސް މިގެނެވުނު ބަދަލާއެކު ފޯމުތައް ރައްކާކޮށް ބަލަހައްޓަން ޖެހޭނީ އެޕާޓީއަކުންނެވެ. އެގޮތުން 10 އަހަރު ވަންދެން އެފޯމު ރައްކާކޮށް ބަލަހައްޓަން ޖެހެއެވެ.

ފޯމުތައް ޕާޓީތަކުން ވަކި މުއްދަތެއް ވަންދެން ބެލެހެއްޓުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއިއެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. ކޮމިޝަނުން ދަނީ މިއެއްބަސްވުމުގެ ޑްރާފްޓްގެ މަސައްކަތް މިހާރު ކުރަމުންނެވެ. މިޕޯޓަލްއަށް ހުށައަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ފޯމަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެއެވެ.

ސިޔާސީ ޕާޓީތަކުގެ ފޯމަށް ގެނައި ބަދަލާއިއެކު ޝަކުވާމަދު:

އަލަށް އެކުލަވާލި ފޯމުތަކަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހުމެވެ. މީގެ ކުރިން ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގައި ހެކިންގެ ފިންގަރ ޕްރިންޓު ޖަހާކަށް ނުޖެއެވެ. މީގެ އިތުރުން ގެނައި އަނެއް ބަދަލަކީ ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހުމެވެ. އެއީ ކުރިން ޢަމަލުކުރަމުން އަންނަ ފޯމުތަކުގައި ބޭނުންކުރާ މަޢުލޫމާތުތަކެއް ނޫނެނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް މީހުން ވައްދާ ފޯމަށް ބަދަލު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް ފަހުގައިކަމަށެވެ. ފޯމުތަކަށް ގެނައި ބަދަލާއެކު، ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފަރާތްތަކުގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ ފޯމުތަކަކީ ޞައްޙަ ފޯމެއްތޯ ކަށަވަރު ކުރުމަށްޓަކައި ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޝަކުވާއަށް އާންމުކޮށްވެސް ހުޅުވާލަމުން އަންނަކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.