ޚަބަރު

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ސައުދީގެ އެހީ


ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ސައުދީ އަރަބިއްޔާއިން 800 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކުރަން ނިންމައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ މި މަހުގެ 5 ން 9 ށް އދ އިން ދޯހާގައި ބޭއްވި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސްގައި ސައުދީގެ މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޕްލޭނިންގް ފައިސަލް ބިން ފަދެލް އަލް އިބްރާހީމްއެވެ.

ވޭތުވެދިޔަ 50 އަހަރު ތެރޭގައި ތަރައްގީއާއި އިޖުތިމާއީ ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކުރިމަތިވެފައިވާ އަސާސީ ގޮންޖެހުންތަކަށް އަވަސް ހައްލެއް ބޭނުންވެފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީއާ ވާހަކަ ދައްކަވަމުން އިބްރާހީމް ވިދާޅުވިއެވެ.

ވޭތުވެދިޔަ 30 އަހަރު ތެރޭގައި ސައުދީ އަރަބިއްޔާއިން 167 ގައުމަކަށް 96 ބިލިއަން އެމެރިކާ ޑޮލަރުގެ އިންސާނީ އަދި ތަރައްގީގެ އެހީ ފޯރުކޮށްދީފައިވާ ކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވި ގޮތުގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ މުއައްސަސާތަކުގެ ގާބިލުކަން ހަރުދަނާކޮށް، ރަނގަޅު ސަރުކާރެއް އުފެއްދުމަށް އެހީތެރިވެދޭނެ ހުރިހާ ކަމެއް ހިމެނޭ ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލުމަށްވެސް ސައުދީން މަސައްކަތްކުރާނެއެވެ.

އަދި ބައިނަލްއަގްވާމީ ބައިވެރިންނާއި އެކު އިންސާނީ އެހީ ފޯރުވައިދިނުމަށް މަސައްކަތް ކުރުމަށްވެސް ސައުދީން އޮތީ ތައްޔާރަށެވެ. އަދި ފަގީރުކަން ނައްތާލައި، ވަޒީފާގެ ބާޒާރު ހަރުދަނާކޮށް، މުސްތަގުބަލުގައި އިގްތިސާދަށް ހުރި ގޮންޖެހުންތައް ނައްތާލަން މަސައްކަތް ކުރުމުގެ އިތުރުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އެހީވުމުގެ މަސައްކަތްތައް ފަށަންވެސް ސައުދީން ތައްޔާރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވިޝަން 2030ގެ ތެރެއިން ސައޫދީން ވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާއާ އެއްގޮތަށް އިޤްތިޞާދީ ތަނަވަސްކަމާއި، އިޖްތިމާޢީ ހަމަޖެހުމާއި، ތިމާވެށި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.