ޚަބަރު

ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގުން ޤާޟީ އާދަމް މުހައްމަދަށް


ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ޤާޟީ އާދަމް މުޙައްމަދާއި ހަވާލުކޮށްފިއެވެ.

ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ޤާޟީ އާދަމް މުޙައްމަދާއި ހަވާލުކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޝަކީލް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން މިބަދަލު ގެނައުމަށް ނިންމެވީ މިމަހުގެ 5 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ. ޤާޟީ އާދަމް މުހައްމަދަކީ 2021 ވަނަ އަހަރު ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަންކުރި ޤާޟީ އެކެވެ. އޭގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައާއި ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. މީގެ ކުރިންވެސް ޤާޟީ އާދަމް މުޙައްމަދާއި ވަނީ ކްރިމިނަލް ކޯޓުގެ ހިންގުން ހަވާލު ކުރައްވާފައެވެ. އެފަހަރު ހިންގުން ހަވާލު ކުރެއްވީ ކްރިމިނަލް ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ގއ.ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިބްރާހީމް އިޙްސާން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ ހުވާކުރެއްވުމާއި ގުޅިގެން ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޒީމް ޙަސަންއާ ހަވާލުކުރުމަށްވެސް ޖޭއެސްސީ ވަނީ ނިންމަވާފައެވެ.