ޚަބަރު

ކޯޓުތަކަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރައްވައިފި


ކޯޓުތަކަށް އަލަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފިއެވެ. މިއަދު ހުވާ ކުރެއްވީ ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރުންނާއި، ސިވިލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި 4 ފަނޑިޔާރުންނެވެ.

ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާލައިދެއްވި ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވީ އއ.ފެރިދޫ، ސިޔާމާމަންޒިލް، އަޙްމަދު ޝަކީލްއެވެ. 23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އަޙްމަދު ޝަކީލަކީ ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި ޝަކީލްވަނީ މަސައްކަތް ކުރައްވާފައެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަކީލް ހުންނެވީ ކްރިމިނަލް ކޯޓުގެ އިސްޤާޟީގެ މަޤާމުގައެވެ.

ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީއާއި، ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާއެވެ.

ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީ އާއި ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއެވެ.

މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ދެއްކެވި ވާހަކައިގައި ވިދާޅުވީ ފަނޑިޔާރުންނަކީ މަޑުމައިތިރި ކަމާއި، ކެތްތެރިކަމުގެ ސިފަ އެމީހެއްގައި ގައިގަ އަށަގެންފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ ދެ ސިފައަކީ އެމީހާގެ ނުކުޅެދުންތެރިކަމަށް ވެގެން ނުވާނެ ކަމަށެވެ. އަދި ދިމާވާ ފާޑުކިޔުންތަކާއި މަލާމާތްތަކަށް ރައްދުދިނުމުގެ ބަދަލުގައި ފަނޑިޔާރުންވަންޖެހެނީ ކެތްތެރިވެ ނަމޫނާ މިސާލު ދެއްކެވަރުގެ ބަޔަކަށް ކަމަށް ވިދާޅުވިއެވެ.