ވިޔަފާރި

އިންފްލޭޝަން ހިސާބުކުރަނީ 2016 ވަނަ އަހަރުގެ ސަރވޭއަކަށް ބިނާކޮށް: އަމީރު


ރާއްޖޭގެ އިންފްލޭޝަން ހިސާބުކުރުމަށް މިހާރު ބޭނުންކުރާ ކޮންޒިއުމަ ޕްރައިސް އިންޑެކްސް (ސީޕީއައި)އަކީ 2016 ވަނަ އަހަރު ހެދި ސަރވޭއަކުން ފާހަގަވި އަގުތަކަކަށް ބަލައިގެން ބޭނުންކުރާ އިންޑެކްސްއެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، މިކަމާއި ގުޅޭގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް މިނިސްޓަރާއި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު އިބްރާހިމް ރަޝީދު މިނިސްޓަރާ ކުރައްވާފައިވާ ސުވާލަކީ އިންފްލޭޝަން މިހާރު ހިސާބު ކުރަނީ ކިހިނެތްތޯއާއި، ކޮންޒިއުމަރ ޕްރައިޒް އިންޑެކްސް ހިސާބުކުރުމުގައި ޕެޓްރޯލިއަމްގެ އުފެއްދުންތަކަށް ދީފައިވާ ވެއިޓްއަކީ ކޮބާތޯއެވެ.

މި ސުވާލަށް ލިޔުމުން މިނިސްޓަރ އަމީރު ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިންފްލޭޝަން މިހާރު ހިސާބުކުރަމުން ދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ސީޕީއައިއަކީ 2016 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ތައްޔާރުކޮށްފައިވާ އިންޑެކްސްއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މިހާރު އެކުލަވާލާފައިވާ ސީޕީއައިއަކީ 2016 ވަނަ އަހަރުގެ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑީޗަރ ސަރވޭގައި ގޭބީސީތަކުގެ ހަރަދަށް ބިނާކޮށް ހޮވާލެވިފައިވާ މުދަލާއި އަގުތައް ހިމަނައިގެން ތައްޔާރުކުރެވޭ އިންޑެކްސްއެކެވެ. ކޮންމެ މަހަކު 1 ފަހަރު ސީޕީއައި އެކުލަވާލުމަށް އެމްބީއެސްއިން މާލޭގެ އިތުރުން އަތޮޅުތަކުގެ އިތުރު 4 ރަށަކުން ކޮންމެ މަހަކު 9500 އަށްވުރެ ގިނަ އަދަދެއްގެ އަގު ނަގައެވެ.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސީޕީއައި ހިސާބު ކުރާ ގޮތުގެ އެންމެ ފަހުގެ ތަފްސީލް ބަޔާން ކޮށްދޭ ރިޕޯޓެއް އެމްބީއެސްގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ކަމަށެވެ. އަދި ސީޕީއައި އަގުގައި ޕެޓްރޯލިއަމް އުފެއްދުންތަކަށް ދީފައިވާ ވެއިޓްއަކީ %0.57 ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.