ޚަބަރު

ހުޅުމާލެ 2ފޭސް ގުޅޭ ސަރަހައްދުގައި ކެފޭހަދަން 6 ކުންފުންޏަކާއެކު ސޮއިކޮށްފި


ދިވެހިރާއްޖޭގެ އިޤްތިޞާދީ މަންފާއަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާރބަން ބޮލަވާރޑް މަޝްރޫޢުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި 6 ކުންފުންޏަކާއެކު ހައުސިން ޑިވެލޮޕްލަމްޓް ކޯޕަރޭޝަން، އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހުޅުމާލެއަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް، ހުޒީބް ރަށަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދީ މަންފާއަށްޓަކައި އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ އާރބަން ބޮލަވާރޑް މަޝްރޫޢުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި 6 ފަރާތަކާއިއެކު އެޗްޑީސީއިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮއްފައެވެ. މީގެ ތެރޭގައި މަޝްހޫރު ބައެއް ވިޔަފާރި ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޖުރިބާ ހޯދައިފާވާ ފަރާތްތައް ހިމެނޭކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެ ކުންފުނިތަކުގެ ތެރޭގައި ބްރަދާސް ކޭޓަރިންގ، ރެފްކޫލް، ސެލްސިއަސް ޕްރައިވެޓް ލިމިޓެޑް، މިސްރާބު ޕްރައިވެޓް ލިމިޓެޑް، ޑައިނެމޯ ރެސްޓޯރެންޓް، ޑްރީމްސް ޕްރައިވެޓް ލިމިޓަޑް ހިމެނެއެވެ.


މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ޝާމް ވިދާޅުވީ އާރބަން ބޮލަވާރޑް ތަރައްގީ ކުރެވިގެން ދާއިރު ނުކުޅެދުންތެރިކަން ހުއްނަ ފަރާއްތަކަށް ވަދެ ނިކުމޭފަދަ ގޮތަކަށް ކެފޭ ރެސްޓޯރަސްޓްތަށް ތަރައްގީ ކުރުމަށް ވިސްނާފައިވާކަމަށެއެވެ. އެކަމުގެ ބޭނުމަކީ އެފަދަ ފާރާއްތަކަށް ފަސޭހަ އެކަށޭނަ މާހައުލެއް ގާއިމްކުރުން ކަމަށް ޝާމް ވިދާޅުވިއެވެ.

"އަސްލު އާރބަން ބޮލަވާރޑް ތަރައްގީ ކުރެވިގެން ދާއިރު ވަރަށް ބޮޑަށް ވިސްނާފައިވާނެ ވީލްޗެއާރ އެކްސަސް ނުވަތަ މި ފަދަ ފަރާއްތަކަށް އެކްސެސް ވެވޭނެ މާހައުލެއް ގައިމްކުރުން" ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް އާބާދުވެގެން އަންނައިރު އިޖްތިމާއި ކަންކަން ކުރިއެރުވުމަށް ފުރުސަތު ހޯދައިދިނުން ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށެއެވެ.

އެޗްޑީސީއިން ވިދާޅުވީ ހުޅުމާލޭގެ ސާފުކަމާއި، އުމްރާނީ އަދި އަސާސީ ގޮތުން ބޭނުންވާނެ ހުރިހާ ޚިދުމަތަކާއެކު، ހުޅުމާލޭގެ ޕްލޭންތައް ހަޤީޤަތަކަށް ހެދުމަށް އެޗް.ޑީ.ސީގެ ޓީމުން އާއްމުންގެ ޚިޔާލާއި އެއްގޮތަކަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެޗްޑީސީން ވިދާޅުވީ އާރބަން ބޮލެވަރޑް ނިމިގެން ދާއިރު، އެ ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްޤީއަކީ ބަދަހިވަންތަ މުޖުތަމަޢުއެއް ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށްކަމަށެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް ތަރައްޤީ ކުރެވިފައި ހުންނަ ބޮލެވަރޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާރބަން ބޮލެވަރޑް ވެސް ވެގެން ދާނީ، ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށްކަމަށާއ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާޢިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަޤުބޫލު ސަރަހައްދަކަށްވެސް ވެގެންދާނެކަމަށެވެ.

އެޗްޑީސީއިން ވިދާޅުވީ މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެކަމަށެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ޤާއިމު ކުރެވިގެން ދާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި ބީޗުގައި ރެސްޓޯރަންޓުތަކާއި ކެފޭތައް ތަރައްޤީވެގެން އަންނާނެކަމަށްވެސް އެޗްޑީސީން ހާމަކުރައްވައެވެ.

އެކުންފުނިން ވިދާޅުވީ، އެއުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެއެވެ. އަދި މި ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބޮލެވަރޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށްކަމަށެވެ. ހުޅުމާލޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަ ޖެހި، ދުނިޔޭގެ އެކި ޤައުމުތަކުން ވެސް ލިބޭ ޚިދުމަތްތަކާއި ވަސީލަތްތައް ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަކަން އެޗްޑީސީން ފާހަގަކުރައްވައެވެ.

އެޗް.ޑީ.ސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންގެ ލާބައާއި ފަސޭހައަށް ކުރެވޭ ގިނަ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުމާއި އެ މަސައްކަތްތައް ކުރުންކަމަށް ވިދާޅުވިއެވެ. އަދި އާބަން ބޮލެވަރޑް ވެގެން ދާނީ މުޅި ހުޅުމާލޭގެ މަލަމަތި މި އަސާސުތަކުގެ ދަށުން ބަދަލުކޮށްލަ ދޭނެ ފުރިހަމަ ރަމްޒަކަށްކަމަށްވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވިއެވެ.