ޚަބަރު

ސިފައިންގެ އަހަރީ ބަޑި މުބާރަތް ނިންމާލައިފި


އަލްމަރްހޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2023، ނިންމާލައިފިއެވެ.

މި މުބާރަތުގެ ނިމުން ފާހަގަކޮށްފައިވަނީ މިއަދު ހެނދުނު ގިރިފުށީ ޓްރެިނިންގެ ސެންޓަރުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރޗް 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. މި ރަސްމިއްޔާތުގައި މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއާގެ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސްގެ ސާޖަންޓް ހަސަން ސުއައިދުއެވެ. 2 ވަނަ މަޤާމް މެރިން ޑިޕްލޮއިމަންޓް ޔުނިޓް-3 ގެ ލާންސް ކޯޕްރަލް އާދަމް މުފީދު ޙާސިލް ކޮށްފައިވާއިރު، 3 ވަނަ ހާސިލްކޮށްފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-2ގެ ސްޓާފް ސާޖަންޓް އަޙްމަދު ނަދީމެވެ.

މުބާރާތުގެ ޓީމު އިވެންޓްތައް ކުރިއަށް ގެންދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ގިންތީގެ އެއްވަނަ ސްޕެޝަލް ފޯސެސްގެ ޓީމު ހޯދި އިރު 2 ވަނަ ހޯދައިފައިވަނީ މެރިންކޯރ ހެޑްކުއޯޓަރޒް އިންނެވެ. އަދި ތިންވަނަ ލިބުނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-2 ގެ ޓީމަށެވެ.

2 ވަނަ ގިންތީގެ އެއްވަނަ ލިބުނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޓީމަށެވެ. އަދި ދެވަނަ މިލިޓަރީ ޕޮލިސްގެ ޓީމަށް ލިބުނުއިރު، ތިންވަނަ ލިބިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގެ ޓީމަށެވެ.

މިމުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.

މި ރަސްމިއްޔާތުގައި، އޯޑަނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޝަރީފް ބަޑި މުބާރާތްތަކުގައި ހޯއްދަވާފައިވާ ރަންވަނަތަކާއި، ބަޑި މުބާރާތްތައް ރާވާ ހިންގުމުގައާއި ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުގައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ޚާއްޞަ ކޮއިނެއް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޝަރީފަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.

ސިފައިންގެ އަހަރީ ބަޑިމުބާރާތަކީ ސިފައިންގެ ޙިދުމަތުގައި ދިގު މުއްދަތެއްވަންދެން ޙިދުމަތްކުރައްވާފައިވާ މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނުގައި ބާއްވަމުންގެންދާ މުބާރާތެކެވެ.