ޚަބަރު

14 ޓަނުގެ ކަންނެލި ބާނައިގެން ބަންދަރީ ދޯންޏަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާ


ފ. ފީއަލީގައި ދުއްވާ "ބަންދަރީ" ދޯނިން 14 ޓަނުގެ ކަންނެލި އެންސިސް ފިޝަރީޒްއަށް ކިރުވާ، 8 ލައްކަައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މީގެކުރިން އެންމެ ގިނައިން ކަންނެލި ކިރުވީ ހއ. އިހަވަންދޫގެ މާހޯރަ ދޯނިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންސިސް ފިޝަރީޒްގެ ޖެނަރަލް މެނޭޖަރ ހުސެއިން އަފީފް ވިދާޅުވީ ފ.ފީއަލީގެ ބަންދަރީ ދޯނިން 14 ޓަނުގެ ކަންނެލި ބާނާފައިވާކަމަށެވެ. އަފީފް ވިދާޅުވީ މިދޯންޏަށް ގާތްގަނޑަކަށް 85000 ( އައް ލައްކަ ފަންސާސް ހާސް) ރުފިޔާ ލިބޭނެކަމަށެވެ. އަދި މަސް ކިރާ ނިމޭއިރަށް ބަންދަރީ ދޯންޏާއި އެފައިސާ ހަވާލުކުރާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

މީގެކުރިން މިރެކޯޑް އޮންނަނީ ހއ. އިހަވަންދޫގެ މާހޯރާ ދޯނީގައެވެ. މާހޯރަ ދޯނިން ވަނީ އެންސިސްއަށް 11 ޓަނުގެ މަސް ކިރުވާ 651137 (ހަ ލައްކަ ފަންސާސް އެއްހާސް އެއްސަތޭކަ ތިރީސް ހަތެއް) ރުފިޔާ ހޯދާފައެވެ.

ފީއަލި އަކީ މަސްވެރި ރަށެކެވެ. އެގޮތުން މިހާރުވެސް ފީއަލީގައި ކަންނެލި މަސްވެރިކަން ކުރާ 12 ދޯނި ހަރަކާތްތެރިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މަސްވެރި ރަށްރަށުގައި މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފީއަލީގައި ސަރުކާރުން ވަނީ އައިސްޕްލާންޓެއްވެސް ޤާއިމްކޮށްފައެވެ.

މިއައިސްޕްލާންޓަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިފްކޯއިން ތަރައްޤީކޮށްފައިވާ އައިސްޕްލާންޓެކެވެ. މިއީ 25 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ ހުރި އައިސްޕްލާންޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ މަސްވެރިންނަށް މަސްކިރުވުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ދެއްވުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.