ޚަބަރު

ރައީސްގެ ދެކަނބަލުން އައިޓީބީ ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައިފި


ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ބަރލިން ފެއަރއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޒިޔާރަތްކުރައްވާ ރާއްޖެއިން ފެއަރގައި ބައިވެރިވާ ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ޖަރުމަނަށް ވަޑައިގެންނެވީ ރާއްޖެއިން ބޭރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުންނެވެ. އެގޮތުން ޖަރުމަނު ސަރުކާރާއެކު ކުރިއަށްގެންދެވި ރަސްމީ ބައްދަލުވުންތަކަށްފަހު އެމަނިކުފާނު މިވަނީ، ޖަރުމަނުގެ ބަރލިންގައި ކުރިއަށްދާ އިންޓަނޭޝަނަލް ޓުއަރިޒަމް އެކްސްޗޭންޖް(އައިޓީބީ) ފެއަރއަށް ޒިޔާރަތްކުރައްވާފައެވެ.

މިއީ ދުނިޔޭގައިވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބާއްވާ އެންމެ ބޮޑު ފެއަރއެވެ. މިފަހަރުގެ ބަރލިން ފެއަރއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީންވެސް އެންމެ ގިނަ ބަޔަކު ބައިވެރިވާ ފެއަރއެވެ. އެގޮތުން ރާއްޖޭގެ 91 ކުންފުންޏަކުން 230އަށް ވުރެ ގިނަ އެގްޒިބިޓަރުން މިފެއަރގައި ބައިވެރިވެއެވެ. އަދި ރާއްޖޭގެ ސަޤާފަތް ދައްކާލުމަށްޓަކާ، އެކި ގްރޫޕްތަކުން ބައިވެރިވާ މީހުންނާއެކު، 300އެއްހާ މީހުން ރާއްޖެއިން ފެއަރގައި ބައިވެރިވެއެވެ.

ރާއްޖޭގެ ސްޓޭންޑަށް ރައީސް ކުރެއްވި ޒިޔާރަތުގައި ވަނީ ރާއްޖެއިން ފެއަރގައި ބައިވެރިވާ ކުންފުނިތަކުގެ ފަރާތްތަކުގެ ޑެސްކްތަކަށް ޒިޔާރަތްކުރައްވާ އެ ފަރާތްތަކާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ދިގު މުއްދަތައް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނާވެސް ބައްދަލުކުރެއްވިއެވެ.

މީގެއިތުރުން ރައީސްވަނީ، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.އަބްދުﷲ މައުސޫމާއި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތްތެރިވާ ފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ.

މި ފެއަރގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރްސީންނެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ސްޓޭންޑަށް ވަޑައިގެންނެވުމުން އެމްއެމްޕީއާރްސީންވަނީ ރައީސަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ރައީސް ވަނީ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކުރެވިފައިވާގޮތްވެސް ބައްލަވާލައްވާފައެވެ. އަދި އެމްއެމްޕީއާރްސީގެ ފަރާތުން ވަނީ ފެއަރގެ މަޢުލޫމާތު ރައީސްގެ ދެކަނބަލުންނާ ޙިއްސާކުރައްވާފައެވެ.

މި ފެއަރގެ މަޤުޞަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ބައިނަލްއަޤްވާމީ މާކެޓަށް ވިޔަފާރި އިޝްތިހާރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ރާއްޖޭގެ ސްޓޭންޑްގެ އިތުރުން ރައީސް ވަނީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ބައެއް ސްޓޭންޑްތަކަށްވެސް ޒިޔާރަތްކުރައްވާ އެތަންތަން ބައްލަވާލައްވާފައެވެ.