ޚަބަރު

އިސްލާމިކް ފައިނޭސްއާއި ގުޅުން ހުރި ކަންކަން ކުރިއެރުވުމަކީ އަމާޒެއް: އަމީރު


އިސްލާމިކް ފައިނޭސްއާއި ގުޅުން ހުރި ކަންކަން ރާއްޖޭގައި ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓާރ މިހެން ވިދާޅުވީ، އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައި.ޔޫ.އެމްއިން ކުރިއަށްގެންދާ ޚާއްސަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

"އައިކޮނީ 2023" ގެ ނަމުގައި ބާއްވާ މި ކޮންފަރެންސަކީ އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސް (ކެމްސް) އާއި މެލޭޝިއާގެ ޔުނިވަރސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯގެ އިންޓަރނޭޝަނަލް ރިސާރޗް ސެންޓަރ އޮފް އިސްލާމިކް އިކޮނޮމިކްސް އެންޑް ފައިނޭސްސް ގުޅިގެން އިންތިޒާމުކުރާ ޢިލްމީ މަހާސިންތާއެކެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވީ، އެކި ސިނާޢަތްތަކާގުޅުން ހުރި މުހިއްމު ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުމުގައި ޢިލްމީ ހޯދުންތަކާ ދިރާސާތަކަކީ މުހިއްމު އެއްޗެއްކަމަށެވެ. އަދި އިޤްތިޞާދީ ދާއިރާއާގުޅުންހުރި ކަންކަން ބައްޓަންކުރުމުގައިވެސް މިފަދަ ހޯދުންތަކާއި ދިރާސާތަކުން ބޭނުންވާ ހޯދާ ފަންނީ މަޢުލޫމާތުތައް މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމިކް ފައިނޭންސްގެ ދާއިރާއަކީވެސް ދުނިޔޭގައި މިހާރު ފުޅާވެ ކުރިއަރަމުން އަންނަ ދާއިރާއެއްކަން ފާހަގަކުރައްވާ ރާއްޖޭގައިވެސް މިދާއިރާއާ ގުޅުންހުރުން ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މިކަން ކުރެވޭނެ ގޮތްތައް ބަލާ އެމަގަށް މަސައްކަތްކުރަމުންދާކަމަށެވެ. މިނިސްޓަރ ވަނީ މި ދާއިރާއިން ޢިލްމީ ޤާބިލު މީހުން އުފެއްދުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މި ކޮންފަރެންސް ބާއްވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޯރ އިސްލާމިކް އިކޮނޮމިކްސްގެ ބައިވެރިވުމާވެސް އެކުއެވެ.

މި ކޮންފަރެންސަކީ އިޖްތިމާޢީ ކަންކަމާއި އިޤްތިޞާދީ ކަންކަން ގުޅިލާމެހިގެން ގެންނަ ތަރައްޤީގައި އިސްލާމީ އިޤްތިޞާދުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމާ ބެހޭގޮތުން، މި ސިނާއަތުގައި މަސައްކަތްކުރައްވާ ބޭފުޅުން މަޝްވަރާކުރަން ލިބޭ މުހިއްމު ފުރުޞަތެއްކަމަށް އައި.ޔޫ.އެމްއިން ބުނެއެވެ.

އިސްލާމިކް ޔުނިވަރސިޓީއިން ބުނީ މި ކޮންފަރެންސްގެ ޝިއާރަކީ "އެޗީވިން އަދްލު އެންޑް އިހްސާން ވިއާ އިސްލާމިކް އިކޮމިކްސް" ނުވަތަ އިސްލާމީ އިޤްތިޞާދުގެ ތެރެއިން އިޖްތިމާޢީ އަދާލަތު ޤާއިމްކުރުން ކަމަށެވެ. އަދި މިކޮންފަރެންސްގެ މަޤްޞަދަކީ އަދުލާއި އިޙްސާންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަރައްޤީއަށް އިސްލާމީ އިޤްތިޞާދުގެ މުހިންމުކަން އަންގައިދިނުމެވެ.

މި ކޮންފަރެންސްގައި ތަޤުރީރު ދެއްވާނީ މި ދާއިރާގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި އިސްލާމީ މާލީ ނިޒާމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ޤާއިމްކުރަން މެލޭޝިއާގައި ހިންގާ އިންސެއިފް ޔުނިވަރސިޓީގެ ޕްރޮފެސަރު، ރާއްޖެއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. އާއިޝަތު މުނީޒާ ހިމެނިވަޑައިގަންނަވައެވެ. އަދި އެ ޔުނިވަރސިޓީގެ ޕްރޮފެސަރު ދާތޯ އިގްބާލް ސަލާމާއި ޕްރޮފެސަރު ދާތޯ ޑރ. މުހައްމަދު އަޒްމީ އުމަރުވެސް ތަޤުރީރުކުރައްވާނެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީ އޮފް ނިއު އޯލިއަންސްގެ ޕްރޮފެސަރު ޑރ. މުހައްމަދު ކަބީރު ޙަސަންއާއި އެ ނޫންވެސް މި ސިނާއަތުގެ ތަޖުރިބާކާރުންނާއި ޢިލްމީ ބޭފުޅުން މި ކޮންފަރެންސްގައި ތަޤުރީރު ދެއްވާނެއެވެ.

އިސްލާމިކް ޔުނިވަރސިޓީއިން ބުނީ މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް ބިނާކޮށް 3 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާނެއެވެ. އެ ޕެނަލްތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ. އަދި މި ކޮންފަރެންސްގައި ދާއިރާއާގުޅޭ ދިރާސީ ކަރުދާސްތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޢިލްމީ ބޭފުޅުން ހުށަހަޅުއްވާނެއެވެ.