ޚަބަރު

ޑްރަގް އެތެރެކޮށްގެން އަނބުރާ ފޮނުވާލީ އެންމެ މީހެއް


ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މިހާތަނަށް ފޮނުވާލީ އެންމެ މީހެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލާ ގެޒެޓުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

މި ޤަވާއިދުގެ ދަށުން މިހާތަނަށް ކިހާ މީހަކު އަނބުރާ ފޮނުވާލާފައިވޭތޯ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާއި، ލިޔުމުން ޖަވާބު ހޯއްދެވުމަށް ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ސުވާލުކުރައްވާފައެވެ. ޙަސަންގެ ސުވާލުގައި އެ ޤަވާއިދަށް އަމަލުކުރަން ފެށިފަހުން، އަނބުރާ ފޮނުވާލި މީހުން އެތެރެކޮށްފައިވަނީ ކޮންބާވަތެއްގެ ކިހާ ބަރުދަނެއްގެ މަސްތުވާތަކެއްޗެއްތޯއާއި، އެމީހުން ހަވާލުކޮށްފައިވަނީ އެ މީހުން ނިސްބަތްވާ ޤައުމުގެ ސަރުކާރާތޯ ސުވާލުކުރައްވާފައިވެއެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނުން އެ ޤަވާއިދުގެ ދަށުން ޢަމަލުކޮށްފައިވާ ގޮތް ތަފްސީލްކޮށްދޭ ލިޔުން ހިއްސާކުރައްވާފައެވެ.

މިގޮތުން ކަސްޓަމްސް ފޮނުއްވި ލިޔުމުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓޭ ފަރާތްތަކާމެދު ޢަމަލުކުރުމުގައި މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ރޯލަކީ ފަސިންޖަރާއި، ފަސިންޖަރުގެ ފޮށި ތަންމަތި ބަލައި ފާސްކުރުންކަމަށެވެ. އަދި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ފެނިއްޖެނަމަ ފުލުހުންނާއި މަސްތުވާތަކެތި ހަވާލުކޮށް ފަސިންޖަރު އަނބުރާ އިމިގްރޭޝަނާ ހަވާލުކުރެވޭކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އިމިގްރޭޝަނުން އަނބުރާ ފޮނުވާލާފައިވަނީ އެންމެ ފަސިންޖަރެއްކަމަށެވެ. އެއީ ފެބުރުއަރީ 6ގައި ރާއްޖެއަށް އައި ފަސިންޖަރެއްކަމަށާއި، އެ ފަސިންޖަރު މޯލްޑިވްސް އިމިގްރޭޝަނުން އެންޓްރީ ޑިނައިކޮށްފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އަދި އެ ފަސިންޖަރަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާނެކަން އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ މީހެއްކަމަށާއި، އެނާގެ ފޮށިތަންމަތި ބަލާ ފާސްކުރުމުން 2.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށާއި، އޭނާ އިމިގްރޭޝަނާ ހަވާލުކުރިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ފޮނުއްވި ސިޓީގައި ވިދާޅުވީ އައު ޤަވާއިދުގެ ދަށުން އަނބުރާ ފޮނުވާލި މީހަކީ ބްރެޒިލަށް ނިސްބަތްވާ މީހެއްކަމަށެވެ. އޭނާ ރާއްޖެއަށް ދަތުރުކުރި ޤައުމަށް އަނބުރާ ފޮނުވާލިކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ "ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން، 3 ޙާލަތެއްގައި ރާއްޖެއަށް އަންނަ ބިދޭސީން އެތެރެވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވެއެވެ. އެއީ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ދިވެހި ފުލުހުންނަށް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިފައިވުމާއި، އެމީހާގެ ލަގެޖުގައި މަސްތުވާ އެއްޗެއް ހުރިކަމަށް ޝައްކުކުރެވުމެވެ. އަދި އެމީހާއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށްޓަކައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެއަށް އަންނަ މީހެއްކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާނަމަވެސް އެމީހާ ފޮނުވާލުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.