ޚަބަރު

ދާކާގެ ކާރޫބާރޫ ބޮޑު މާރުކޭޓެއް ކައިރީގައި އެއްޗެއް ގޮވައި 15 މީހުން މަރުވެއްޖެ


ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ ކާރޫބާރޫ ބޮޑު މާރުކޭޓެއް ކައިރީގައި ހުރި ޢިމާރާތެއްގައި ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން 15 މީހުން މަރުވެއްޖެއެވެ. ހަތް ބުރީގެ ޢިމާރާތެއްގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވި މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ދާކާގެ ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާގައި ޢިމާރާތުގެ ދެ ފަންގިފިލާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި، ސާފުތާހިރުވުމަށް ބޭނުންކުރާ ސާމާނާއި ބަދިގޭ ސާމާނު ވިއްކާ ފިހާރަތަކަކަށް ގެއްލުންވި ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ޢިމާރާތް ކައިރީގައި މަޑުކޮށްގެން އޮތް ބަހަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޢިމާރާތުގެ ތެރޭގައި ބާރުގަދަ އެއްޗެއް ގޮވަން މެދުވެރިވި ސަބަބު ތަހުޤީޤު ކުރަމުންދާއިރު، އެ ކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށް ދާކާގެ އަލިފާން ނިއްވާ ޓީމުގެ އިސް އޮފިޝަލެއް ކަމުގައިވާ ޑިނޯމޯނީ ޝަރްމާ ވިދާޅުވިއެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި މާރުކޭޓު ކައިރީގައިވާ އެހެން ބައެއް ޢިމާރާތްތަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ބައެއް މީހުންނަށް އަނިޔާވެފައި ވަނީ، ޢިމާރާތުގެ މަތިން ވެއްޓުނު ތަކެތީގެ ސަބަބުން ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. މާރިޗު 5 ވަނަ ދުވަހު ވެސް ދާކާގައި މި ފަދަ އެހެން ހާދިސާއެއް ހިނގާފައިވެއެވެ.

ގޭސް ލީކުވެގެން ހިނގި އެ ގޮވުމުގެ ސަބަބުން ތިން މީހުން މަރުވި ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އަދި، އޭގެ ކުރީ ދުވަހު، ބަންގްލަދޭޝްގެ އިރުދެކުނުގެ ރަށެއްގައި ހުންނަ އޮކްސިޖަން އުފައްދާ ކާރުޚާނާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތް މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.