ޚަބަރު

ދިވެހި އެންމެބޮޑު ކޮންޓިންޖެންޓް ބައިވެރިވާ އައިޓީބީ ފެއަރ ފަށައިފި


އައިޓީބީ ބަރލިން ފެއަރ ޖަރުމަނުގައި ފަށައިފިއެވެ. މިއަހަރަކީ މިފެއަރގައި ދިވެހިރާއްޖެއިން އެންމެ ގިނަ ފަރާތްތައް ބައިވެރިވާ ފެއަރއެވެ.

ކޯވިޑްގެ ޙާލަތާއި ގުޅިގެން އައިޓީ ބަރލިން ފެއަރ މި ވޭތުވެދިޔަ 3 އަހަރު ބާއްވާފައެއް ނުވެއެވެ. ނަމަވެސްފެއަރގެ ބައެއް ބައްދަލުވުންތައް މިދިޔަ އަހަރު އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޓަނޭޝަނަލް ޓުއަރިޒަމް އެކްސްޗޭންޖް(އައިޓީބީ) އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރއެވެ. މި ފެއަރ ބޭއްވުމުގެ މަޤުސަދަކީ، އެކި ޤައުމުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވިޔަފާރި މަރކެޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

އައީޓީބީ ފެއަރ މިއަހަރު ކުރިއަށްދަނީ ޖަރުމަނުގެ "މެސީ ބަރލިން"ގައެވެ. މިއަހަރުގެ ފެއަރގައި 150އަށްވުރެ ގިނަ ޤައުމުން، 5500އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.

ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކަކުން މި ފެއަރގައި ބައިވެރިވާއިރު، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، އެންމެ ބޮޑު ޙިއްސާއެއް މިފަހަރުގެ ފެއަރގައި އޮތީ ދިވެހިރާއްޖެއިންނެވެ. އަދި 450 އަކަމީޓަރާއެކު، އެންމެ ބޮޑު ސްޓޭންޑްވެސް ހަދާފައިވަނީ ރާއްޖެއިންނެވެ. 2 ފަންގިފިލާގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށެވެ.

މިފެއަރގެ ރާއްޖޭގެ ސްޓޭންޑަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މައުސޫމްވަނީ ޒިޔާރަތް ކުރައްވާފައެވެ.

އައިޓީބީ ބަރލިން ފެއަރގައި ރާއްޖެއިން ބައިވެރިވާ މިއީ 39ވަނަ އަހަރެވެ. އައީޓީބީ ބަރލިން 2023އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ގިނަ މީހުން ބައިވެރިވާ ފެއަރއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރްސީގެ މެނޭޖިންޑިރެކްޓަރ ތައްޔިބް މުޙައްމަދު ވިދާޅުވީ، މިއަހަރުގެ ފެއަރގައި ރިސޯޓްތަކުގެ އިތުރުން، އިންޑަސްޓްރީއާއި ގުޅުންހުރި ގިނަ ފަރާތްތަކަކުން ބައިވެރިވާކަމަށެވެ. އަދި ފެއަރ ފެށުމަށްފަހު ހޭދަވެގެންދިޔަ ވަގުތުކޮޅުތެރޭގައިވެސް، ގިނަ ބައްދަލުވުންތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އަދި ކޯވިޑަށް ފަހު އަލުން ދާއިރާ އަރާސްތުކުރުމަށް ކުރާ މަސައްކަތުގެ ބޮޑު ޙިއްސާއަކަށްކަމަށެވެ.

"91 ކުންފުންޏަކުން، 291 ކޯ ޕަރޓިސިޕޭޓުން އެބަ ހިމެނޭ. އޭގެތެރޭގައި ރާއްޖޭގެ ސަޤާފީ މިއުޒިކް، ނެށުން އަދި ކެއުންތައް ދައްކާލުމަށްވެސް ބައިވެރިން ހިމެނޭ. މިއީ މިހާތަނަށް ރާއްޖޭގެ އެންމެ ބޮޑު ކޮންޓިންޖެންޓް." ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބު ވިދާޅުވީ ކޯވިޑަށް ފަހު މި ދާއިރާ ކޮޅަށްޖެހުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަމަށެވެ. އަދި 3އަހަރަށް ފަހު މި ފެއަރގައި ބައިވެރިވުން ވެގެންދަނީ، އިންޑަސްޓްރީން އެކި ޤައުމުތަކުގެ ބައިވެރިންނާ ބައްދަލުވެ އިތުރަށް ގުޅުން ބަދަހިވުމަށް ލިބުނު ފުރުޞަތަކަށްކަމަށެވެ.

މިފަހަރުގެ އައިޓީބީ ބަރލިން ފެއަރ 3 ދުވަހަށް ކުރިއަށްދާނެއެވެ. ފެއަރގެ ދެވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.