ޚަބަރު

އޭވިއޭޝަންގެ އެކެޑަމީން ފުރަަތަމަ ފަހަރަށް ސްމިއުލޭޓަރ ފްލައިޓް ޓްރެއިނިން


މޯލްޑިވްސް އޭވިއޭޝަން އެކެޑެމީން ފުރަތަމަ ފަހަރަށް ސްމިއުލޭޓަރ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ރާއްޖޭގެ އެކެޑަމީއަކުން ސްމިއުލޭޓަރ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ ހިންގަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އައިލެންޑް އޭވިއޭޝަނާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މި އެކެޑަމީ އުފެއްދީ ކުރީގެ ސަރުކާރުން ގާއިމްކުރި ފްލައިންގ ސްކޫލްގެ އެކި މައްސަލަތައް ފެންމަތިވެ، ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ޖެހުމުން، ދަރިވަރުންނަށް ކިޔެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުޅޫމާތުދެއްވަމުން މޯލްޑިވްސް އޭވިއޭޝަން އެކެޑެމީގެ ހެޑް، ސުލްތާން ރާމިޒް ވިދާޅުވީ އެ އެކެޑަމީން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ސްމިއުލޭޓަރ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ 5 ދަރިވަރުންކަމަށެވެ.

ސުލްތާން ވިދާޅުވީ މިތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ދަރިވަރުން ޕައިލެޓުންނަށް ވުމުގެ ކުރިން ސްމިއުލޭޓަރގައި ފުރިހަމަކުރަންޖެހޭ ގަޑިތައް ފުރިހަމަކުރުމަށް އެހީތެރިވުމެވެ.

މިޕްރޮގްރާމްގެ ދަށުން ޕައިލެޓުންނަށް ވުމުގެ ކުރިން ސްމިއުލެޓަރގައި 3 ގަޑިއިރު ފުރިހަމަކުރަންޖެހެއެވެ. އަދި ކަނޑައެޅިފައިވާ ގަޑިތައް ފުރިހަމަކުރުމަށްފަހު އެދަރިވަރުންނަށް ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެކަމަށް ސުލްތާން ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. މިހާރު މިއެކެޑެމީގައި ޖުމްލަ 25 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާކަމަށް އެ އެކެޑަމީން ބުނެއެވެ. އޭގެތެރެއިން ގިނަ ދަރިވަރުންނަކީ މީގެކުރިން ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން އައްޑޫގައި ހިންގި ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންނެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީން ބުނީ މިއަހަރުގެ ޖޫންމަހު ދަރިވަރުންގެ އައު ބެޗެއް ތަމްޜީންކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި އިތުރު ޕްރޮގްރާމްތައްވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރުމަށްދާކަމަށް އެ އެކެޑަމީން ބުނެއެވެ.