ޚަބަރު

ފަހުރުވެރި އާއިލާ ބިނާކުރުމުގެ ވަޢުދާއި އެއްގޮތަށް އެމްޕީއެލްގެ ޑޭކެއަރގެ ޚިދުމަތް


ޤައުމުގެ ކުރިއެރުން ގުޅިފައިވަނީ ދުޅަހެޔޮ ޢާއިލާއެއްކަމަށް ނިންމަވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ވަނީ މިދާއިރާއަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައެވެ. "ފަޚުރުވެރި ދިވެހި ޢާއިލާ"ގެ ނަމުގައި ޢާއިލާތަކުގެ ކަރާމާތް ހިފެހެއްޓޭނެހެން، ޤައުމުގެ ތަރައްޤީގައި ދެޖިންސަށް ހަމަހަމައަކާއެކު ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިދީފައެވެ. މިކަން ކަށަވަރުކުރުމަށް މިވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އެކި ބަދަލުތައްވެސް ވަނީ ގެނެސްދީފައެވެ. މިގޮތުން ގެންނަވަން ފެއްޓެވި އެންމެ ބޮޑު ބަދަލަކީ ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ވަޒީފާގައި ދެމިތިބެވޭނެހެން ތުއްތު ދަރިން ބެލެހެއްޓޭނެ އިންތިޒާމު އެމީހަކު މަސައްކަތްކުރާ އޮފީހެއްގައި ޤާއިމުކުރުމުގެ މަސައްކަތް ފެށިގެން ދިޔުމެވެ.

ތަޢުލީމީ ޙަޔާތް ނިންމާ ދަރިވަރުންނަށް ބަލާއިރު، ނިސްބަތުން ރާއްޖޭގައި ގަދަ ދިހައެއްގައި ގިނައީ އަންހެން ކުދިންކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މަތީ ތަޢުލީމު ޙާސިލްކުރުމަށްފަހުވެސް، ދަރިން ލިބޭ ހިސާބުން ދަރިފުޅު ގާތުގައި މަޑުކުރުމަށް، ގިނަ އަންހެނުން ވަޒީފާ ދޫކުރާ މަންޒަރަކީ ރާއްޖޭގައި ޢާއްމު މަންޒަރެކެވެ. އެގޮތަށް އެކަން މެދުވެރިވަނީ، ރަނގަޅު ގޮތުގައި ދަރިފުޅުގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމުކުރެވޭނެ މަގު ނެތުމުގެ ސަބަބުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތުގައި ދެން ފެށީ މީގެކުރިން ރާއްޖެއަށް އައިސްދާނެކަމަށްވެސް ގިނަ ބަޔަކު ޤަބޫލުނުުކުރާ ޑޭ ކެއަރ ސެންޓަރުތަކުގެ މަސައްކަތެވެ.

މިމައްސަލައަށް ޙައްލެއް ގެނެސް އަންހެނުންނަށްވެސް ވަޒީފާގައި ދެމިހުރެވޭނެ މަގުފަހިކުރުމަށް، ސަރުކާރު ކުންފުނިތަކުން ފެށި ޑޭކެއާގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ ސްޓެލްކޯއިންނެވެ. އަދި މިޚިދުމަތް ދެވަނައަށް ފަށާ ކުންފުންޏަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ހެދުމަށް އެކުންފުނިންގ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑޭކެއާރގެ ޚިދުމަތް މިމަހުގެ ތެރޭގައި ފަށައިގަނެވޭނެކަމަށެވެ. އެގޮތުން ޑޭ ކެއަރ ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން ޢިމާރާތުގެ އިންޓީރިއާ ހުރިހާ މަސައްކަތެއްވެސް ނިމިފައިވާކަމަށާއި ފަރުނީޗަރު ހަމަކޮށް ކުދިންނަށް ބޭނުންވާ އެކި ވަޞީލަތްތައްވެސް ޤާއިމުކޮށް ނިމިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

"އިންޓީރިއާގެ މަސައްކަތް ނިމިގެން މިހާރު މިދަނީ ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން. އެއީ ކުދިން ބެލެހެއްޓުމުގައި ޙަރަކާތްތެރިވާނެ މުވައްޒަފުން. މިހުރިހާ ކަމެއް ހަމަވުމާއެކު އެމްޕީއެލްގެ ޑޭކެއަރ ހުޅުވިގެންދާނެ" ޝާހިދު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ކުރިމަތިވާ އެކި ދަތިތައް ޙައްލުކޮށްދީ މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެފަދަ ތަނަކަށް ހެދުމަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޚާއްސަ އިސްކަމެއްދޭކަމެއްކަމަށް އެކުންފުނިން ބުނެއެވެ.

ފަހުރުވެރި ޢާއިލާއެއް ބިނާކުރުމާއެކު އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެކަމަށް މަގުފަހިކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ސަރުކާރުން ދަނީ ގެންނަމުންނެވެ. މިގޮތުން ވިހެއުމުގެ ސަބަބުން މަންމައަށާއި ބައްޕައަށް ޗުއްޓީ ދޭ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ސަރުކާރުގެ މަސްއޫލުވެރި ޒިންމާދާރު މަޤާމުތަކުގައި އަންހެނުންގެ ދައުރު އިތުރުކޮށް، އިސް މަޤާމުތަކުގައި ތިބޭ އަންހެނުންގެ އަދަދު ވަނީ އިތުރުކޮށްފައެވެ. މީގެއިތުރުން ޤާނޫނުތައް އިސްލާހުކޮށް، އިންތިޚާބީ މަޤާމުތަކުގައި ތިބޭ އަންހެނުން އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

މިއީ ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި ހަމައިސްކޮޅަށް ތެދުވެތިބި ދިވެހި ޢާއިލާތައް ބިނާކުރުމަށް ކުރާ މަސައްކަތެވެ. ކޮންމެ ޢާއިލާއަކީވެސް ދިވެހި އިޤްޠިޞާދުގެ ނާރުހެގެ ތެރެއިންވާ ޢާއިލާއެއްކަމުގައި ހެދުމަށް ކުރާ މަސައްކަތެކެވެ. ކުރުގޮތަކަށް ދަންނަވާނަމަ ފަހުރުވެރި އާއިލާއެއް ބިނާކުރުމެވެ.