ޚަބަރު

މާއުނގޫދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފި


މާއުނގޫދޫ ބަނދަރު ތަރައްޤީކުރުގެ މަސައްކަތުގެ ދަށުން އަލަށް ބަނދަރަށް އިތުރު ކުރާ ބައި ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި ބަނދަރު މަރަމާތުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި މިސަރުކާރުން އެއްވެސް ރަށެއް ތަފާތެއް ނުކުރެއެވެ. އެގޮތުން ށ. މާއުނގޫދޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ.

މާއުނގޫދޫގައި އެންމެ ފުރަތަމަ ބަނދަރެއް ހެދީ 2000ގެ އަހަރުތަކުގެ ތެރޭގައެވެ. ބަނދަރެއް އޮތް ނަމަވެސް މޫސުން ގޯސްވާ ދުވަސްތަކުގައި ފަޅު ގަދަވުމަކީ އެރަށު ބަނދަރު ބޭނުންކުރުމުގައި ދިމާވާ އެންމެ ބޮޑުއެއް މައްސަލައެވެ. މޫސުން ގޯސްވާ ދުވަސްތަކުގައި ރަށުގެ ފަޅަށް ވަނުމަށް ހަދާފައި އޮންނަނެރު މަތިން އަރާ ބޮޑެތި ރާޅުތަކުގެ ސަބަބުން ފަޅު ގަދަވެއެވެ. މިކަމުގެ ސަަބަބުން އޮޑިދޯނި ފަހަރުތަކުގެ ވެރިން ތިބެނީ އެތަކެތީގެ ހިމާޔަތުގައި ނުނިދާ ހޭލައެވެ.

މާއުނގޫދޫގައި ފުރަތަމަ ހެދި ބަނދަރު ހަލާކުވުމާ ގުޅިގެން ނިމިދިޔަ ސަރުކާރުގައި އެބަނދަރުވަނީ މަރާމާތުކޮށްފައެވެ. ނަމަވެސް އޭރުވެސް ރަށުގެ ރައްޔިތުން ބުނަމުން އައީ ބަނދަރު ހަލާކުވެފައި އޮތްބައި މަރާމާތުކޮށްގެން ފަޅު ގަދަވާ މައްސަލައަށް ހައްލެއްނުލިބޭނެ ކަމަށެވެ. ކަންވީވެސް އެހެންނެވެ. ފަޅުގަދަވުމުގެ މައްސަލައަށް ހައްލެއް ނުލިބުނެވެ.

މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ވިދާޅުވީ، ބަނދަރު މަރާމާތުކުރުމުން ފަޅު ގަދަވާ މައްސަލައަށް ހައްލު ލިބޭނެކަމަށް އުންމީދު ކުރިނަމަވެސް އެކަން އެގޮތަށް ނުވިކަމަށެވެ. މަރާމާތުކުރި ބައިވެސް ހަލާކުވެފައިވާކަމަށާ، އެސަބަބާހުރެ މި ސަރުކާރުން އެރަށުގައި އައު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އާބަދީގައި ހާހަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މާއުނގޫދޫގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. މިހާރުވެސް އެރަށުގައި މަސްވެރިކަން ކުރާ އުޅަނދުތައް އޮންނައިރު އޮޑިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އޮޑި އަޅާފައި ބާއްވާނެ ޖާގަ ނެތުމާއި ފަޅުތިލަވުމާއި ފަޅު ގަދަވުމުގެ މައްސަލައެވެ. ފަޅުތެރެ ގަދަވުމުގެ ސަބަބުން ބޯޓުފަހަރުތަކަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެރަށު މީހުންބުނެއެވެ. މަސްވެރިކަން ކުރާ ފަރާތްތަކުގެ އިތުރަށްވެސް އެރަށު ބަނދަރު ބޭނުން ކުރާ އެހެނިހެން ފަރާތްތަތަކުންވެސް އުފުލަނީ ހަމަ މިތަކުލީފެވެ. ގަދަވެއްޖެނަމަ ވާޓަރު މަތިންވެސް ރާޅު އަރައެވެ.

މިމައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ށ.މާއުނގޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫގެ ދަށުން މިހާރު ކުރަމުންދަނީ ބަނދަރު ތަރައްޤީކުރާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތެވެ.

އެގޮތުން 59013 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމާއި، 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރު ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

މާއުނގޫދޫގައި ތަރައްޤީކުރާ މި ބަނަދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގ އިން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 56.33 މިލިއަން ރުފިޔާއަށެވެ.