ދުނިޔޭގެ ވިޔަފާރި

އިންޑިއާގެ އިތުރު ސްޓޭޓެއްގައި އައިފޯނު އުފައްދަން ފަށަނީ


އެޕަލް އިންކްގެ އައިފޯނުތައް ވަރަށް އަވަހަށް އިންޑިއާގެ ދެކުނުގެ ކަރްނާޓަކާ ސްޓޭޓްގެ އެހެން ތަނެއްގައި އެސެމްބްލް ކުރާނެ ކަމަށާއި، އެކަމަށް ކާރުޚާނާއެއް ޤާއިމުކުރުމަށް 300 އަކަމީޓަރުގެ ބިމެއްވެސް ހަމަޖައްސާފައިވާކަމަށް އެ ސްޓޭޓްގެ ސަރުކާރުން ބުނެފިއެވެ.

ބްލޫމްބާގް ނިއުސް އިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޕަލްގެ ޕާޓްނަރު ފޮކްސްކޮން ޓެކްނޮލޮޖީ ގްރޫޕުން ރާވާފައި ވަނީ އެތެރޭގެ އުފެއްދުންތައް އިތުރު ކުރުމަށް ކަރްނާޓަކާ ސައިޓުގައި ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓެއް ކުރުމަށެވެ.

އެ ސްޓޭޓްގެ އިންވެސްޓްމަންޓް ޕްރޮމޯޝަން ޑިވިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި 100،000 މީހުންނަށް ވަޒީފާ ލިބޭނެއެވެ. މިކަމާއި ގުޅިގެން އެޕަލް އިން އަދި ބްލޫމާގް އިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިވަގުތު އައިފޯނުތައް އިންޑިއާގައި އެސެމްބްލް ކުރަނީ އެޕަލްގެ ގްލޯބަލް ސަޕްލައިއަރުންގެ ތެރެއިން މަދުވެގެން ތިން ކުންފުނި ކަމަށްވާ ޓަމިލް ނާޑޫގެ ފޮކްސްކޮން އާއި ޕެގަޓްރޯން އާއި ކަރްނާޓަކާގެ ވިސްޓްރޯން އިންނެވެ.

އެޕަލްގެ އުފެއްދުންތައް އުފައްދަން ޗައިނާގެ ބަދަލުގައި އެހެން ޤައުމުތައް ހިޔާރު ކުރަމުން އެޕަލް އިން އަންނަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ހެދި، އައު އައިފޯނާއި އެހެނިހެން ޑިވައިސްތައް އުފެއްދުމަށް ބުރޫއެރުމުންނެވެ. މީގެއިތުރުން އެމެރިކާ އާއި ޗައިނާ އާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކުން ސަލާމަތްވެސް ވުމަށެވެ.