ދުނިޔޭގެ ވިޔަފާރި

އެމެރިކާއިން ބްލެކް ލިސްޓުކޮށްފައިވާ ޗައިނާގެ ބައެއް ކުންފުނިތަކަށް އެކްސްޕޯޓު ހުއްދަދީފި


އެމެރިކާ އިން ބްލެކް ލިސްޓުކޮށްފައިވާ ޗައިނާގެ ބައެއް ކުންފުނިތަކަށް އެކްސްޕޯޓުކުރުމުގެ ހުއްދަ އެމެރިކާ އިން ދީފިއެވެ.

އެމެރިކާގެ ސެނެޓްގެ ކޮމިޓީއަކުން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމެރިކާ އިން ބްލެކް ލިސްޓުކޮށްފައިވާ ޗައިނާގެ ކުންފުނިތަކުގެ 192 ލައިސެންސަކަށް އެކްސްޕޯޓުކުރުމުގެ ހުއްދަ ދީފައިވާއިރު، މި ލައިސެންސްތަކަށް 23 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޢަދަދަކަށް އެމެރިކާގެ މުދަލާއި ޓެކްނޮލޮޖީ އެކްސްޕޯޓް ކުރެވޭނެއެވެ.

އެމެރިކާއިން އާންމުކޮށްފައިވާ ޗާޓަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މާރިޗު މަހުގެ ތެރޭގައި ހުއްދަ ދޭން ނިންމި 242 ލައިސަންސް އެޕްލިކޭޝަންގެ ތެރެއިން 192 ލައިސަންސަށް ވަނީ ހުއްދަ ދީފައެވެ. އަދި އޭގެ ތެރެއިން 115 ލައިންސަންސަކީ ކޮންޓްރޯލްކޮށްފައިވާ ޓެކްނޮލޮޖީ އެކްސްޕޯޓު ކުރަން ހުއްދަ ދީފައިވާ ލައިސެންސްތަކެވެ. އަދި ލައިސެންސް ހޯދަން އެދިފައިވާ ޖުމްލަ އަދަދުގެ %8 ފޯމު ބާތިލްކޮށްފައިވާއިރު، 31 ފޯމު ވަނީ އެއްވެސް ފިޔަވަޅެއް ނާޅައި އަނބުރާ ފޮނުވާލާފައެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ފޮރިން އެފެއާޒް ކޮމިޓީގެ ޗެއާރމަން، ރިޕަބްލިކަން ޕާޓީގެ މަންދޫބު މައިކަލް މެކްކޯލް، ލައިސަންސް ނަންބަރުތައް އާންމުކޮށްފައިވަނީ ކުންފުނިތަކަށް 23 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޢަދަދެއްގެ ފައިސާގެ އެކްސްޕޯޓު ކުރުމުގެ ހުއްދަ ދީފައިވާކަން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ހާމަކުރެއްވުމަށްފަހުއެވެ.

މިކަމާއި ގުޅިގެން މެކްކޯލް ނެރުނުގެ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ކުންފުނިތަކަށް ދިން ހުއްދަތަކަކީ އެހާ ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އަސްކަރީ އަދި ސަވައިލެންސް އޮޕަރޭޝަންތަކުގައި ޗައިނާ އިން އަންނަނީ އެމެރިކާގެ މުހިންމު ޓެކްނޮލޮޖީތައް ބޭނުން ކުރަމުންނެވެ. އަދި ކޮމާސް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޑަސްޓްރީ އެންޑް ސެކިއުރިޓީ، ބީއައިއެސް އިން "އެއަށްވުރެ ގިނަ ކަންތައްތަކެއް ކުރަން ޖެހޭ އަދި ކުރެވޭނެ" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބީއައިއެސް އިން ވަނީ މި ނިންމުން ދިފާއުކޮށް ވާހަކަ ދައްކާފައެވެ. "މިއީ މައިގަނޑު ގޮތެއްގައި ލޯ ޓެކްނޮލޮޖީ އެކުލެވޭ އަދި ގައުމީ ސަލާމަތަށް މާބޮޑު ނުރައްކަލެއް ނެތް ތަކެތި އެކްސްޕޯޓު ކުރަން ދިން ހުއްދަ ތަކެއް. އަދި އެކްސްޕޯޓު ކުރާ ތަކެތި ވަރަށް ފަރުވާތެރިކަމާއެކު މުރާޖައާ ކުރެވޭނެ" އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ހުއްދަ ދޭން ނިންމި ނިންމުމަކީ ޑިޕާޓްމަންޓް އޮފް ކޮމާސް، ޑިފެންސް، ސްޓޭޓް، އަދި އެނާރޖީ އިން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެކްސްޕޯޓަރުން އާންމުކޮށް ލައިސަންސް އެޕްލިކޭޝަން ހުށަހަޅަނީ ފާސްކުރުމުގެ ފުރުޞަތު ބޮޑު ހުއްދަތަކަށް ކަމަށާއި، ލައިސަންސް އާންމުކޮށް ދޭނީ ހަތަރު އަހަރަށް ކަމަށް އެ ބަޔާނުކުގައި އިތުރަށް ބުނެފައިވެއެވެ. އަދި ގިނަ ޢަދަދެއްގެ ލައިސަންސް ފުރިހަމައަށް ބޭނުން ނުކުރާކަން ބިއުރޯ އިން ވަނީ ފާހަގަކޮށްފައެވެ.

ނޮވެމްބަރު 2020 އާއި އޭޕްރީލް 2021 އާ ދެމެދު ޗައިނާގެ ވާވޭއަށް ސަޕްލައި ކުރާ ފަރާތްތަކަށް 61 ބިލިއަން އެމެރިކާ ޑޮލަރުގެ 113 ލައިސަންސް ލިބިފައިވާއިރު، ގާތްގަނޑަކަށް 42 ބިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން، 188 ލައިސަންސް ސެމީކޮންޑަކްޓަރ މެނުފެކްޗަރިން އިންޓަރނޭޝަނަލް ކޯޕް،އެސްއެމްއައިސީ އަށް ދީފައިވާ ކަމަށް ރޮއިޓާސް ނޫހުން ފުރަތަމަ ހޯދި އަދި 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މެކްކޯލް އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިކަމާގުޅޭ އެންމެ ފަހުގެ ހިސާބުތައް މި ހަފްތާގައި އާންމު ކުރުމަށް ހައުސް އޮފް ފޮރިން އެފެއާރޒް ކޮމިޓީން ރުހުން ދިން ނަމަވެސް ޗައިނާގެ ލައިސެންސް ދިން ކުންފުނިތަކުގެ ތަފްޞީލެއް މެކްކޯލް ހާމަކޮށްފައެއް ނުވެއެވެ.