ޚަބަރު

އަކްޝޭގެ "ސެލްފީ" އަށް ފިނި ތަރުޚީބެއް


މިދިޔަ އަހަރުއްސުރެ ބޮލީވުޑް ތަރި އަކްޝޭ ކުމާރުގެ ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުޚީބެއް ލިބެމުންނެއް ނުދެއެވެ.

އަކްޝޭ އެންމެ ފަހުން ފެނުނު ފިލްމު "ސެލްފީ" އަށްވެސް ލިބެމުން އަންނަނީ ވަރަށް ފިނި ތަރުޚީބެކެވެ.

"ސެލްފީ" އަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުޚީބެއް ނުލިބޭއިރު، މިއީ ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. 100 ކްރޯޑް ރުޕީސް އިން ހަދާފައިވާ މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް ލިބިފައި ވަނީ 73.77 ލައްކަ ރުޕީސްއެވެ.

މިދިޔަ މަހު 24 ގައި ސިނަމާތަކަށް ގެނައި މި ފިލްމަށް ކްރިޓިކް ދެމުން އަންނަނީ ވަރަށް މަސްހުނި ރިވިއުތަކެކެވެ. ފިލްމު ނުހިނގަން ދިމާވި ހަމައެކަނި މައްސަލަ ކަމަށް ކްރިޓިކުން ފާހަގަ ކޮށްފައި ވަނީ ރީމޭކަކަށް ވުމެވެ. އޭގެ އިތުރުން ބޮޑު ފްލޮޕަކާއި ދިމާލަށް "ސެލްފީ" ދިއުމުގެ އެއްވެސް ސަބަބެއް އެކަކަށްވެސް ނޭނގެއެވެ.

މި ފަހުން ރިލީޒްކުރި އަކްޝޭގެ އެއްވެސް ފިލްމަކަށް ބޮކްސް އޮފީހުގައި ބޮޑު ތަރުޚީބެއް ލިބެމުން ނުދާތީ އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން އެކަމުގެ ޒިންމާ އަމިއްލައަށް ނަގާ ކަމަށްވެސް ދާދިފަހުން އަކްޝޭ ވަނީ ބުނެފައެވެ.

އޭނަ ބުނި ގޮތުގައި ކުޅޭ ފިލްމުތައް ފުލުފުލުހުން ފްލޮޕްވަނީ ބެލުންތެރިން ބޭނުންވާ ކަހަލަ ފިލްމުތަކެއް ގެނެސް ނުދެވޭތީ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އެހެންވެ މިހާރު އެކަން ބަދަލުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން ދެން ކުޅެން ފިލްމުތައް ހޮވާއިރު، މިހާރަށް ވުރެ ބޮޑަށް ސްކްރިޕްޓަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް ބުންޏެވެ.

މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައި ހުރި އަކްޝޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި "އޯއެމްޖީ 2" އާއި "ސޫރަރައި ޕޮއްޓުރޫ" ގެ ރިމޭކާއި "ކެޕްސޫލް" އާއި "ބަޅޭ މިޔާން ޗޯޓޭ މިޔާން" ގެ އިތުރުން "ޗަތުރަޕަތީ ޝިވާޖީ މަހާރާޖް" ހިމެނެއެވެ.

"ސެލްފީ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި އަކްޝޭގެ އިތުރުން އިމްރާން ހާޝިމީ އާއި ޑަޔާނާ ޕެންޓީ އަދި ނުޝްރަތު ބަރުޗާ ވެސް ހިމެނެއެވެ. މި ފިލްމަކީ ދަރުމާ އަށް އަކްޝޭ ކުޅުނު 2019 ވަނަ އަހަރު ދެއްކި "ގުޑް ނިއުސް" ގެ ޑައިރެކްޓަރު ރާޖް މެހެތާ ހަދާފައިވާ ފިލްމެކެވެ.

މިދިޔަ އަހަރު "ޖުގް ޖުގް ޖިއޯ" ގެނެސްދިން ރާޖްގެ މި ފިލްމަކީ 2019 ގެ މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" ގެ ރިމޭކެކެވެ. "ސެލްފީ" އަކީ މި އަހަރު ރިލީޒް ކުރި އަކްޝޭގެ ފުރަތަމަ ފިލްމެވެ.