ޚަބަރު

ޕްރޮޖެކްޓް ލަައިސަންސް ހުއްދަ ނުނަގާ މަސައްކަތްކުރާނަމަ ފިޔަވަޅު އަޅަނީ


ޕްރޮޖެކްޓް ލަައިސަންސް ހުއްދަ ނުނަގާ ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާމެދު، 1 އޭޕްރީލް 2023 އިން ފެށިގެން ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން ޢިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރާނަމަ، ގަވާއިދުގައި ކަނޑައެޅިފައިވާގޮތުގެ މަތިން އެ މަސައްކަތެއްކުރުމަށް ކޮންޓްރެކްޓަރ ރަޖިސްޓަރީވުމަކީ ލާޒިމްކަމެކެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ޢިމާރާތުގެ ސްޓްރަކްޗަރ އާއި ގުޅުން ހުރި ނުވަތަ ކުރާ މަސައްކަތުގެ އަގު 1،500،000 ރުފިޔާ (ފަނަރަަ ލައްކަ ރުފިޔާ) ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ، ޕްރޮޖެކްޓް ލައިސަންސް ނެގުން ލާޒިމުވެއެވެ. ޕްރޮޖެކްޓް ލަައިސަންސް ހުއްދަ ނުނަގާ ޢިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާމެދު، 1 އޭޕްރީލް 2023 ން ފެށިގެން ފިޔަވަޅުއަޅާނެކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަކީ 2019 ވަނަ އަހަރު އެކުލަވާލާ ޢަމަލުކުރަން ފެށި ގަވާއިދެކެވެ. މިއީ ރާއްޖޭގައި ޢިމާރާތްކުރުމުގެ ޚިދުމަތާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އާލާތްތައް އެތެރެކޮށް ފޯރުކޮށްދޭ ފަރާތްތަކާއި ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތައް ހައުސިންގ މިނިސްޓްރީގައި ރަޖިސްޓަރީކުރުމާއި ރަޖިސްޓަރީ ކުރުމުގައި ގެންގުޅޭ މިންގަނޑުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ ދަށުން ޢިމާރަތްކުރުމުގެ ދާއިރާގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތައް ގިންތިކުރުމާއި، ގިންތިއަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ގިންތިތަކުގައި ރަޖިސްޓަރީވާ ފަރާތްތައް ޢަމަލުކުރާނެ އުޞޫލުތައް ކަނޑައަޅާފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތައް ރަޖިސްޓަރީކުރެވޭނެ މުއްދަތާއި، ރަޖިސްޓަރީ އައުކުރެވޭނެ މުއްދަތު ވަނީ ކަނޑައަޅާފައެވެ.