ޚަބަރު

"ސްޓެމް މާއްދާތަކަށް ދަރިވަރުންގެ ޝަޢުގު އިތުރުވޭ، މިއީ ހެޔޮ ބަދަލެއް"


ސްޓެމް މާއްދާތަކަށް ދަރިވަރުންގެ މެދުގައި އޮންނަ ޝަޢުގުވެރިކަން އިތުރުވަމުންދާކަމަށާއި، މިއީ ހެޔޮ ބަދަލެއްކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ، "އުރީދޫ ސްޓެމް ފެއަރ 2023" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފެއަރގައި ބައިވެރިވި ސްކޫލުތަކުގެ ތެރެއިން އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ އިސްކަންދަރު ސްކޫލެވެ.

އުރީދޫ ސްޓެމް ފެއަރ 2023 ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ދަރިވަރުންގެ ތޫނުފިލިކަމާއި، ވިސްނުމާއި އުފެއްދުންތެރިކަމުގެ ހުނަރުތައް ކުރިއަރުވާ ތަރައްޤީކުރުމަށް މިފަދަ ފެއަރތަކަކީ ވަރަށް ބޭނުންތެރި ފެއަރތަކެއް ކަމަށެވެ. އަދި ސްޓެމް މާއްދާތަކަށް ދިވެހި ދަރިވަރުންގެ މެދުގައި އޮތް ޝަޢުގުވެރިކަން މިފަދަ ފެއަރތަކުން ހާމަކޮށްދޭކަމަށާއި، މިއީ ހެޔޮ ބަދަލެއްގެގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

"މުސްތަޤުބަލާމެދުގައި އަޅުގަނޑުގެ އުއްމީދު އައުވެއްޖެ. މާދަމާ މި ޤައުމު ހިންގާންތިބި ކުދިން މިފަދަ އީޖާދީ ވިސްނުންތަކާއެކު އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު ހުރި މައްސަލަތަކަށް މިކަހަލަ ހައްލުތައް ހޯދާތަން ފެނުނީމަ ހަމަ ހަޤީޤަތުގައިވެސް އަޅުގަނޑު އުފާވޭ" މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އުރީދޫއިން އިސްނަގައިގެން މިފަދަ ފެއަރއެއް ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވިކަމަށްޓަކާ ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ފެއަރތަކުގެ ސަބަބުންވެސް ސްޓެމް މާއްދާތަކަށް ދަރިވަރުންގެ ކިބައިގައި އިތުރު ޝަޢުގުވެރިކަމެއް އުފެދޭކަން ފާހަގަކުރައްވާ ސްޓެމްގެ ވަޒީފާތަކަށް ދަރިވަރުން ތައްޔާރުކޮށްދިނުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިއްޒުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށްދިޔަ މި ސްޓެމް ފެއަރގައި ކިޔަވާ ކުދިންނަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސް މާއްދާތަކުން އީޖާދީ ހައްލުތައް ދައްކާލާ ވާދަކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.

މުބާރާތުގައި ބައިވެރިވި ސްކޫލުތަކުގެ ތެރެއިން އޯވަރަލް ބެސްޓް ސްކޫލުގެގޮތުގައި އިސްކަންދަރު ސްކޫލު ހޮވިފައިވާއިރު، އެ ސްކޫލަށް އިނާމެއްގެގޮތުގައި 50،000 ރުފިޔާ ވަނީ ދީފައެވެ. އަދި ފެއަރގައި ޖޫނިއަރ، ސީނިއަރ އަދި ނޮވިސް ކެޓަގަރީއިން އެއްވަނައަށް ދިޔަ ޕްރޮޖެކްޓްތަކަށް 10،000 ރުފިޔާ އިނާމެއްގެ ގޮތުގައި ދީފައިވެއެވެ.

މި ފެއަރގައި ގްރޭޑް 4 އިން 6 ގެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ ނޮވިސް ކެޓަގަރީއިން އެއްވަނަ ހޯދާފައިވަނީ އިސްކަންދަރު ސްކޫލުގެ އިކޯ ފާމް ޕްރޮޖެކްޓެވެ. ގްރޭޑް 7 އިން 8 ގެ ދަރިވަރިންނަށް ޚާއްސަކުރި ޖޫނިއަރ ކެޓަގަރީއިން އެއްވަނަ ޣިޔާސުއްދީން ސްކޫލުގެ ވޭވް ބެރިއާ ޕްރޮޖެކްޓަށް ލިބުނުއިރު، ގްރޭޑް 9 އިން 10 ގެ ދަރިވަރުންނަށް ޚާއްސަކުރި ސީނިއަރ ކެޓަގަރީއިން އެއްވަނަ އަށް ގޮސްފައިވަނީ އިސްކަންދަރު ސްކޫލުގެ އެކުއަޕޮނިކްސް ޕްރޮޖެކްޓަށެވެ.

އުރީދޫ ސްޓެމް ފެއަރއާއެކު ދަރިވަރުންނަށް އެކުދިންގެ ހުނަރާއި، އުފެއްދުންތެރިކަން ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ ލިބުނު ބޮޑު އުފަލެއްގެގޮތުގައި އުރީދޫއިން ބުނެއެވެ. އަދި ސްޓެމް ދާއިރާތަކުން މާހިރުން ބިނާކުރުމަށް އަންނަން އޮތް ޖީލަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށްއޮތްތަނުގައިވެސް މަސައްކަތްކުރާނެކަމަށް އުރީދޫއިން ބުނެއެވެ.