ޚަބަރު

ރަންބީރު ކަޕޫރާއި އަމީޝާ ޕަޓޭލް ރައްޓެހިވި؟


ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރަކީ މިހާރު ގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ މަޝްހޫރު ތަރިއެކެވެ. 2007 ވަނަ އަހަރު ދެއްކި "ސާވާރިޔާ" އިން ބޮލީވުޑަށް ތަޢާރަފްވި ރަންބީރު މިހާރު ވަނީ ބޮލީވުޑްގައި ރަނގަޅަށް ފައިތިލަ ސާބިތުކޮށްފައެވެ.

ރަންބީރުގެ ފިލްމުތަކުގެ އިތުރުން އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަކީވެސް ވަރަށް ޝައުގުވެރި ވާހަކަތަކެކެވެ. ކެޓްރީނާ ކައިފް އާއި ދީޕިކާ ޕަޑްކޯން އާއިވެސް ރައްޓެހިވި ރަންބީރު އަކީ ބަތަލާ އަމީޝާ ޕަޓޭލްގެވެސް އެއް އިރެއްގެ ލޯބިވެރިޔާ ކަމަށް އަޑުތައް ވަނީ އަރާފައެވެ.

އަމީޝާ އަމިއްލާ ވާހަކައެއް ދައްކަން ބޭނުން ވެގެން އެއް ފަހަރަކު ރަންބީރު ބޮޑު ޕާޓިއެއްގެ މެދެތެރެއިން ޕާޓީ ދޫކޮށް ދިޔަ ވާހަކައަކީވެސް އޭރު ފެންމަތިވި ވާހަކަތަކެކެވެ. އަދި ރަންބީރުގެ އުފަންދުވަހެއް ފާހަގަ ކުރަން ބޭއްވި ޕާޓީއެއްގައި އަމީޝާ އާއި ދެ މީހުން އެކުގައި ފެންނަން ހުރި ފޮޓޯއެއް އަމީޝާ އާންމު ކުރުމުންވެސް ދެ މީހުންގެ ގުޅުމުގެ ވާހަކަ އޭރު ވަރަށް ގަދަޔަށް ދެކެވުނެވެ.

އަމީޝާ ދެން އެންމެ އަވަހަށް ފެންނާނީ ސަނީ ޑިއޯލް އާއިއެކު "ގަދަރު 2" އިންނެވެ. މިއީ ސަނީ އާއި އަމީޝާ އާއި އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ވަނަ އަހަރު ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލްއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އޮގަސްޓު 11 ގައެވެ.

ރަންބީރު މިހާރު އެންމެ ބިޒީ ވެގެން އުޅެނީ މި މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ތޫ ޖޫޓީ މޭ މައްކަރު" ގެ ޕްރޮމޯޝަންގެ މަސައްކަތުގައެވެ. ރަންބީރާއެކު މި ފިލްމުން ފެންނާނެ ބަތަލާ އަކީ ޝްރައްދާ ކަޕޫރެވެ.