ޚަބަރު

އައްލޫ އަރުޖުންގެ އާ ފިލްމަކީ "ބަދްރަކަލީ"


ބޫޝަން ކުމާރު ޕްރޮޑިއުސްކޮށް ސަންދީޕް ވެންގާ ޑައިރެކްޓުކުރާ ފިލްމެއް އެކްޓަރު އައްލޫ އަރުޖުންއަށް ހުށަހަޅާފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓުކުރީ މިދިޔަ ހަފްތާ ކުރީ ކޮޅުއެވެ.

ނަމަވެސް މިއީ ކޮން ނަމެއް ކިޔާ ފިލްމެއް ކަމެއް އޭރު ރިޕޯޓެއް ނުކުރެއެވެ. މީޑިއާތަކުން މިހާރު ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފިލްމަށް ކިޔަނީ "ބަދްރަކަލީ" އެވެ. ޝައުގުވެރިވާ ކަމަކީ ޓީސީރީޒުން ބޫޝާންގެ އިތުރުން މި ފިލްމުގެ ކޯޕްރޮޑިއުސް ކުރަނީ ބަދްރަކަލީ ޕިކްޗާސް އިން ކަމެވެ. މިއީ ޑައިރެކްޓަރު ސަންދީޕް އާއި އޭނާގެ ބޭބެ ޕްރާނޭ ރެޑީގެ ޕްރޮޑަކްޝަން ހައުސްއެވެ.

މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ ސަންދީޕްގެ ކުރިއަށް އޮތް ޕްރަބާސް ލީޑް ރޯލުން ފެންނަ "ސްޕްރިޓް" ނިންމާލުމަށްފަހުއެވެ. "ސްޕްރިޓް" އަކީވެސް ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ދެ ފިލްމުގެ މަސައްކަތްވެސް އަސްލު ސަންދީޕް ފަށާނީ އެންމެން މިހާރު އިންތިޒާރު ކުރަމުން އަންނަ ރަންބީރު ކަޕޫރާއި ރަޝްމިކާ މަންދަންގެ "އެނިމަލް" އަށް ފަހުއެވެ. އަނިލް ކަޕޫރާއި ބޮބީ ޑިއޯލްވެސް ފެންނަ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް އަންނަ އޮގަސްޓު މަހު 11 ގައެވެ. މި ފިލްމަކީ ޓީ ސީރީޒްއާއި ބަދްރަކަލީ ޕިކްޗާސް އަދި މުރާދް ކޭތާނީގެ ސައިން 1 ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.