ޚަބަރު

ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ވަނީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައި: މާރިޔާ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ފެންވަރުގައި ބެލެހެއްޓުމަކީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މުހިއްމުކަމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތަޢާރަފްކުރި "ބިނާރު" ކެމްޕެއިން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"ބިނާރު" ކެމްޕެއިން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ރާއްޖޭގެ އަމާންކަމާއި ޤައުމުގެ، އިޤްތިޞާދާއިވެސް ގުޅިފައިވާކަމެއްކަމަށެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި ވަނީ، މުޅި ރާއްޖޭގެ ސަލާމަތާއި، އިޤްތިޞާދުގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެއާއި ބޭރު ދުނިޔެ ގުޅުވާލަދޭ ވީއައިއޭއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ބޭރުގެ އެހީ އައުމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާކަމަށެވެ.

ރާއްޖެއަކީ ހުރިހާ މުދަލެއްވެސް އިމްޕޯޓްކުރާ އަދި ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވުމާއެކު އެހުރިހާ ސިނާޢަތެއް ކުރިއަރައި ދިޔުމުގައިވެސް ވީއައިއޭގެ ދައުރު ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވާ ކޮންމެ ކަމެއް އެއީ ސީދާ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިޤްތިޞާދާއި ގުޅޭކަމެއްކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

"ވީއައިއޭއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ، ޤައުމަށް ކުރިމަތިވާ ނުރައްކަލެއް. ކޮންމެ ގޮންޖެހުމަކީ، ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުމެއް. މިއީ ރާއްޖެ، ބޭރު ދުނިޔެއާއި ގުޅުވައިދޭ މައިދޮރާށި. ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައިވެސް، އަޅުގަނޑުމެންނަށް ބޭނުންވާ އެކިއެކި އެހީ އަވަހަށް ހޯދުމުގައި ވީއައިއޭގެ ދައުރަކީ، އިތުރު އެހެން ބަޔަކަށް އަދާކުރެވޭނެ ދައުރެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ވީއައިއޭގައި ނުރައްކާތެރި ބޮޑު ޙާދިސާއެއް ހިނގާފައިނެތީ މާތްﷲގެ ވާގިފުޅާއެކު އެއަރޕޯޓުގައި ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ވީއައިއޭއަކީ އެކްސިޑެންޓު މަދު އަދި ސެކިއުރިޓީއާއި ސޭފްޓީ ކަށަވަރުކުރުމަށް ހުރިހާ ގިންތިއެއްގައިވެސް މަސައްކަތް ކުރެވޭ ތަނަކަށް ހެދުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ މަޙްޖޫބް ޝުޖާއު ވިދާޅުވީ މުޅި ރާއްޖޭގެ ނިސްބަތުންވެސް އެއް ދާއިރާއެއްގައި އެންމެ ވަރުގަދައަށް ރައްކާތެރިކަން ކަށަވަރުކުރެވޭ އެއް ދާއިރާއަކީ އެވިއޭޝަން ދާއިރާކަމަށެވެ. އަދި އެކަން އެގޮތަށް ދެމިއޮތުމުގައި ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައި ހެދިފައިވާ ހަރުކަށި މިންގަނޑުތަކަށް ބޯލަނބާ މުވައްޒަފުންތަކެއް މިދާއިރާގައި ޙަރަކާތްތެރިވާކަން ފާހަގަކުރެއްވިއެވެ. އަދި ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އިތުރު ވަޞީލަތްތައް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަންވެސް މަޙްޖޫބް ޝުޖާއު ފާހަގަކުރެއްވިއެވެ.

"މިއެއަރޕޯޓުގެ ކެޕޭސިޓީ އެތައް ގުނައަކުން އިތުރުވެގެންދާއިރު، އެއާއި ވިދިގެން އޮޕަރޭޝަންސްތައްވެސް ދަނީ އިތުރުވަމުން. މިއިން ކޮންމެ ކަމަކީވެސް، ބައިނަލްއަޤުވާމީ އަދި ޤައުމީ ސަލާމަތީ މިންގަނޑުގެ ތެރޭގައިވެސް ހުންނަންޖެހޭ ކަންކަން. އެހެންކަމުން މިއަންނަމުންދާ ބަދަލުތަކާއެކު އެއަރޕޯޓުގެ ސަރވައިލެންސް، އެކްސެސް އަދި އޮޕަރޭޝަންސް ހަރުދަނާކުރުމަށްޓަކައި އައު ޓެކްނޮލޮޖީއާއި އައު އާލާތްތައް ބޭނުންކުރުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން." ސީއީއޯ ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ތަޢާރަފްކުރި "ބިނާރު" ކެމްޕެއިނަކީ އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުންނާއި ވީއައިއޭގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތެއްވެސް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މުޅި އަހަރުތެރެއަށް ބަހާލައިގެން ކުރިއަށްގެންދާ އެކި ޙަރަކާތްތަކުގެ ތެރޭގައި، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހެލްތް ސްކްރީނިންގ ހެދުމައި، މަދިރި ނައްތާލުމަށް ޕްރޮގްރާމެއް ހިންގުމާއި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތްތައް ހިންގުމާއި އެވިއޭޝަން ދާއިރާގައި ހުރި އެކި ފުރުސަތުތަކުގެ މަޢުލޫމާތު ސްކޫލް ކުދިންނަށް ދިނުން ފަދަ ޙަރަކާތްތައް ހިމެނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލްގެ ދަށުން 3500 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އަދި ވީއައިއޭގައި ޙަރަކާތްތެރިވާ އެހެން އޭޖެންސީތަކާއެކު މުޅި ވީއައިއޭގެ އޮޕަރޭޝަންގައި 10000 އަށްވުރެ ގިނަ މުވައްޒަފުން ޙަރަކާތްތެރިވެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތަޢާރަފްކުރި "ބިނާރު" ކެމްޕެއިން އަމާޒުކޮށްފައިވަނީ މިހުރިހާ ފަރާތްތަކެއް ޝާމިލުވާގޮތަކަށްކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ.