ޚަބަރު

ރާއްޖެއިން ފޮނުވާ އެހީގެ ފުރަތަމަ ޝިޕްމަންޓް ތުރުކީއަށް


މިދިޔަމަހު ތުރުކީއާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި ޙާލުގައި ޖެހުނު ތުރުކީގެ ރައްޔިތުނަށް އެހީވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮނުވާ އެހީގެ ފުރަތަމަ ޝިޕްމަންޓް އެޤައުމަށް ފޮނުވައިފިއެވެ.

މިދިޔަމަހުގެ 6 ވަނަ ދުވަހު ތުރުކީ އަދި ސޫރިއާ ބޯޑަރު ހިމެނޭ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުންތަކުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދިވެހިންގެ ފަރާތުން 1 މިލިއަން މަސްދަޅު ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މިދިޔަމަހުގެ 10 ދުވަހު ނިންމަވާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ތުރުކީ ރައްޔިތުންނަށް ފޮނުވުމަށް ހަމަޖެހިފައިވާ 5 ލައްކަ މަސްދަޅު ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. މި 5 ލައްކަ މަސްދަޅު އެޤައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 5 ޝިޕްމަންޓަކަށް ބަހާލައިގެންކަމަށާއި މި ޝިޕްމަންޓްތައް ތުރުކީއަށް ފޮނުވުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ތުރުކީއަށް ފޮނުވާ އެހީ އެޤައުމަށް ގެންދަނީ ތުރުކީގެ ޤައުމީ އެއަރލައިން، ޓަރކިޝް އެއަރލައިނުންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ ޙަވާލުކޮށްދެއްވީ ފޮރިން ސެކެޓްރީ، އަޙްމަދު ލަތީފްއެވެ.

ތުރުކީއާއި ސީރިއާގެ ބޯޑަރު ގުޅޭ ސަރަޙައްދަށް އައި ބިންހެލުންތަކުގައި ބައި މިލިއަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ގެއްލި، އެތައް ހާސް ބަޔަކު މަގުމަތިވެފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ތުރުކީއާއި ސޫރިޔާއަށް އެހީވަމުންނެވެ.