މުނިފޫހިފިލުވުން

އޮސްކާގައިވެސް ރިހާނާ ޕާފޯމް ކުރާނެ


މިހާރު އުމުރުން 35 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ އެންމެ ފަހުން ފެނުނީ އެޕަލް މިޔުޒިކް ސުޕަރ ބޯލް ހާފް ޓައިމް ޝޯގައެވެ.

ސްޓޭޖާއި ދުރުގައި ގާތްގަނޑަކަށް 7 އަހަރު ހުރުމަށްފަހު މި ޝޯވގައި ރިހާނާގެ ހުށަހެޅުމަށް ވަނީ ބޮޑު ތަރުޚީބެއް ލިބިފައެވެ. މޮޅު ހުށަހެޅުމެއްގެ އިތުރުން ރިހާނާ ވަނީ އިތުރު އުފާވެރި ޚަބަރެއްވެސް އޭނާގެ ފޭނުންނަށް ދީފައެވެ. އެއީ ދެވަނަ ދަރިފުޅަށް ބަނޑު ބޮޑުވި ޅަބަރެވެ.

މި ޝޯވއަށް ފަހު ރިހާނާ އަނެއްކާވެސް ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 95 ވަނަ އެކަޑަމީ އެވޯޑުގައި ޕާފޯމް ކުރުމަށެވެ.

ރަޔަން ކޯގްލާސްގެ "ބްލެކް ޕެންތާ:ވަކަންޑާ ފޯއެވާ" އަށް ރިހާނާ ކިޔައިދީފައިވާ ހިޓް ލަވަ "ލިފްޓް މީ އަޕް" އިން ފުރަތަމަ ފަހަރަށް ރިހާނާ ވަނީ އޮސްކާއަށް ނޮމިނޭޓްވެފައެވެ. މި ލަވަޔަކީ 2016 ވަނަ އަހަރު ނެރުނު އަލްމަބް "އޭންޓް" އަށް ފަހު ރިހާނާ ރެކޯޑުކުރި ފުރަތަމަ ލަވައެވެ. އޭގެފަހުން "ބްލެކް ޕެންތާ 2" އަށް "ބޯން އެގެއިން" ވެސް ރިހާނާ ވަނީ ކިޔައިދީފައެވެ.

ހޮލީވުޑް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އޮސްކާ އެވޯޑު ދޭ ހަފްލާގައި "ލިފްޓް މީ އަޕް" އަށް ރިހާނާ ޕާފޯމް ކުރަން ވަނީ ހަމަޖެހިފައެވެ.

ރިހާނާގެ އިތުރުން އޮސްކާ 2023 ގެ އެންމެ މޮޅު އޮރިޖިނަލް ލަވައަށް ނޮމިނޭޓްވި އެހެން ފަންނާނުންގެ ތެރޭގައި "އެވްރިތިންގް އެވްރިވެއާ އޯލް އެޓް ވަންސް" ގެ "ދިސް އިޒް އަ ލައިފް" ކިޔާފައިވާ ޑޭވިޑް ބާރން، ރަޔަން ލޮޓް އަދި މިޓްސްކީ އާއި 'އާރްއާރްއާރް" ގެ "ނާޓޫ ނާޓޫ" ކިޔާފައިވާ އެމްއެމް ކީރްވާނީ އާއި ޗަންދްރާބޯސްގެ އިތުރުން "ޓެލް އިޓް ލައިކް އަ ވުމެން" ގެ "އެޕޯލްސް" ކިޔާފައިވާ ޑައިނޭ ވެރެން އާއި "ހޯލްޑް މައި ހޭންޑް" ކިޔާފައިވާ ލޭޑީ ގާގާ ހިމެނެއެވެ.