އަމީނީ މަގުގެ 5 ވަނަ ސެގްމަންޓްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ފަށައިފިއެވެ.
އަމީނީމަގުގެ 5 ވަނަ ސެގްމަންޓްގެ މަސައްކަތް ކުރުމަށް އެސަރަޙައްދު އާރްޑީސީން މިހާރުވަނީ ބަންދުކޮށްފައެވެ.
5 ވަނަ ސެގްމަންޓުގައި ހިމެނެނީ އަމީނީމަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިނގުމާއި ހަމައަށެވެ. އެއީ ސިނަމާލެ ފްލެޓްތައް ހިމެނޭ ބްލޮކުން ފެށިގެން އިމާދުއްދީން ސްކޫލް ހިމެނޭ ބްލޮކާއި ހަމައަށެވެ. އަމީނީ މަގުގެ މަސައްކަތްތަކާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީން ވިދާޅުވީ މިޒޯންގެ މަސައްކަތުގެ ދަށުން ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތެއް ނިންމާ ރޯދައިގެ ކުރިން މަގު ޢާއްމުންނަށް ހުޅުވާލުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އަދި މިސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް އެހެން ކުންފުންޏަކާއި ޙަވާލުކުރުމަށް ނިންމާފައިނުވާކަމަށާއި އެކަމުގައި ވަކިގޮތެއް އަންގާނީ ޕްލޭނިންގ މިނިސްޓްރީން ކަމަށް އާރްޑީސީން ވިދާޅުވެއެވެ.
އަމީނީ މަގަކީ މާލޭގެ ގިނަ މަގުތަކެއް ގުޅޭ މަގެވެ. އަދި އެމަގަކީ ސްކޫލްތަކާއި ސަރުކާރުގެ އެކި އިދާރާތައްވެސް ހިމެނޭ މުހިއްމު މަގެކެވެ. އެހެންކަމުން މިމަގުގެ މަސައްކަތް ރައްޔިތުންނަށް ވީހާވެސް ދަތިނުވާނޭހެން ކުރުމަށް އާރްޑީސީން މަސައްކަތްކުރެއެވެ. އާރްޑީސީން މިހާރު އަމީނީމަގުގެ ފުރަތަ 4 ސެގްމަންޓުގެ މަސައްކަތްވަނީ ނިންމާލާފައެވެ.
އެސެގްމަންޓުތަކުގެ ހުރިހާ މަސައްކަތެއް އާރްޑީސީން ކުރިނަމަވެސް ތާރުއެޅުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ. ތާރުއެޅުމުގެ މަސައްކަތް އެމްޓިސީސީއާ ހަވާލުކުރީ ތާރުއެޅުމުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ބެހެއްޓުމަށް ސަރުކާރުން އާރްޑީސީއަށް ބިމެއް ހަވާލުކޮށް ނުދެވުމުން ކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ފުރަތަމަ 4 ސެގްމަންޓްގެ މަސައްކަތް ނިމި، މިހާރު ކުރަމުން އަންނަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ނިޝާންތައް ހަރުކުރުމުގެ މަސައްކަތެވެ. މިމަސައްކަތްތައް ނިމުމާއެކު މަގު އާއްމުންނަށް ހުޅުވާލާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
އަމީނީ މަގުގެ މަސައްކަތް އާރްޑީސީން ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިމަސައްކަތް ކުރަމުން އަންނައިރު އަމީނީ މަގުގައި އެތައް އަހަރެއްވަންދެން އެކި ގޮތްގޮތަށް ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތް އެކޭބަލްތަކާއި ހޮޅިތައް ނިސްބަތްވާ އެކި ކުންފުނިތަކާއި ގުޅިގެން އާރްޑީސީން އަންނަނީ ކުރަމުންނެވެ. މިހުރިހާ ގޮންޖެހުމަކާއެކުވެސް މުޅި އަމީނީ މަގުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމުމަށްވަނީ ކަނޑައަޅާފައެވެ.