ޚަބަރު

ހުޅުމާލެއާއި ހަނިމާދޫގައި ވަޤުފް ޢިމާރާތެއް އަޅަނީ


ވަޤުފްގެ ދެ ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ވަޤުފް ޢިމާރާތް އެޅުމަށް ލިބިފައިވާ ދެ ބިމެއ ހަމަޖެހިފައިވާކަމަށާއިި، އެއީ ހުޅުމާލެ ފުރަތަމަ ފޭހުން ހަމަޖެހިފައިވާ ބިމާއި ހދ.ހަނިމާދޫން އެރަށު ކައުންސިލުން ހަމަޖައްސައިދީފައިވާ ބިންކަމަށެވެ. މި ދެ ބިމުގައި ވަގުފް ދެ ޢިމާރާތެއް އެޅުމުގެ މަސައްކަތްކުރައްވަމުން އަންކަމަށާއި، އެގޮތުން ހުޅުމާލޭގައި ވަރަށް އަވަހަށް ވަޤުފް ޢިމާރާތުގެ ބިންގާ އަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޢިމާރާތުގެ ކުރެހުމާއި އެނޫންވެސް ތައްޔާރީތައް ވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިސްލާމިކް މިނިސްޓްރީގެ ވިސްނުމަކީ ވަޤުފްގެ ޤާނޫނު އަންނައިރު ވަޤުފްގެ ޢިމާރާތްތަކެއްވެސް ހުރުން. އަދި ވަޤިފް އާލާކޮށް ދިރުވާނެ އިންތިޒާމްތަކެއްވެސް ހަމަޖިހެން ދިއުން." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ވަޤުފްގެ ކަންކަން ހަރުދަނާކުރުމަށް ވަޤުފް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން އެ ޤާނޫނު އެކުލަވާލުމަށް ބިލް ޑްރާފްޓްކޮށް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މާ ލަސްތަކެއް ނުވެ އެ ބިލު ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުއްވާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

"ވަރަށް ގިނަ ބަޔަކު ވަގުފް ކުރަން ބޭނުންވޭ. އެ ގޮތްތައް އެބަޖެހޭ ހޯދައިދޭން. ދައުލަތުން ވަގުފް ދިރުވާ އާލާކޮށް ޒަމާންތަކެއް ވަންދެން ބެލެހެއްޓޭނެ ގޮތްތަކެވެސް ހޯދަންޖެހޭ. އެކަން ޤާނޫނުގެތެރެއިން މި ހަދައިދެނީ. މިކަމުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ." އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

ވަޤުފް އިމާރާތް ކުއްޔަށްދީގެން ލިބޭ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިސްކިތް ބިނާކުރުމާއި، މިސްކިތްތައް މާރާމާތުކުރުމާއި، އަބާތުރަ ފިލުވުމުގެ ކަންކަމަށެވެ. ރާއްޖޭގައި މިވަގުތު ވަޤުފް އިމާރާތެއްގެ ގޮތުގައި ހުރީ 2017 ވަނަ އަހަރު ހުޅުވި "ދާރުލް އީމާން"އެވެ.