ކޮންމެ ކުއްޖަކީ ރައްކާތެރި މާޙައުލެއްގައި ހެދިބޮޑުވުމުގެ ފުރުޞަތު ލިބެންޖެހޭ ކުއްޖެކެވެ. މުޖުތަމަޢުގައި ހުރިހާ އެންމެނަށް ލިބި ކަށަވަރުވާންޖެހޭ ޙައްގުތައް އެކުދިންނަށްވެސް އެއްވެސް އިސްތިސްނާވުމެއް ނެތި އޮންނަންޖެހެއެވެ. އެހެންނަމަވެސް ކުއްޖާ އުފަންވުމުގައި ހުންނަ އައިބެއްގެ ސަބަބުން ކުއްޖާއަށް މިފަދަ އެތައް ފުރުޞަތަކާއި ޙައްގުތަކަކުން މަޙްރޫމްވެގެންދާ މަންޒަރު މިކުޑަކުޑަ ރާއްޖެއިންވެސް ފެނެއެވެ. މިގޮތުން މިއަދަކީ މިފަދަ ކަންކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުނިޔޭގެ ބަރތް ޑިފެކްޓްސް ޑޭ ނުވަތަ އުފަންވާއިރު ދަރިފުޅުގެ ހުންނަ އައިބުތަކަށް ހޭލުންތެރިކުރުވާ ދުވަހެވެ.
ރާއްޖެއަކީ އުފަންވާއިރު ދަރިފުޅުގެ ކިބައިގައި އައިބުތައް ހުންނަ މިންވަރު ނިސްބަތުން ގިނަ ޤައުމެއްކަމަށް ރާއްޖޭގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޑޮކްޓަރުން ފާހަގަކުރައްވައެވެ. މިގޮތުން ތުއްތުއިރު ގިނަ ކުދިން ނިޔާވާން ދިމާވާ މައިގަނޑު ދެ ސަބަބުގެ ތެރެއިން އެއް ސަބަބަކީވެސް މިއީ ކަމުގައި ޑޮކްޓަރުން ވިދާޅުވެއެވެ. ތުއްތު އިރު ކުދިން ނިޔާވުމަށް މެދުވެރިވާ އަނެއް ސަބަބަކީ ދުވަސްނުފުރާ ވިހެއުމެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭފަރުވާގެ ޚަރަދާއި ހޭދަކުރާ ވަގުތާއި އަޅާބަލާއިރު، ވިހެއުމުގައި އައިބުތައް ހުންނަ ކުދިންނަށް ފަރުވާދިނުމުގައި ހޭދަކުރާ ވަގުތާއި ޚަރަދު ބޮޑުކަމަށެވެ.
ދުނިޔޭގައި ފާހަގަކުރާ ބަރތް ޑިފެކްޓްސް ޑޭއާއި ގުޅިގެން އައިޖީއެމްއެޗްގައި މިދިޔަ 2022 ވަނަ އަހަރު ވިހޭ ކުދިންގެ ތެރެއިން ވިހެއުމުގައި އައިބުތައް ހުރި ކުދިންގެ ތަފާސްހިސާބުވަނީ ޢާއްމުކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނައީ 'ކޮންޖިނެޓަލް މޭލްފޯރމޭޝަންސް އޮފަ ދަ ސަރކިއުލޭޓްރީ ސިސްޓަމް' ނުވަތަ ހިތާއި ހަށިގަނޑުގައި ލޭ ދައުރުކުރުވާ ނިޒާމުން ފެންނަ އައިބުތަކެވެ. އެކި ބާވަތުގެ 22 އައިބެއް މިފަދައިންވަނީ ފެނިފައެވެ. މިބާވަތުގެ އައިބުތަކުގެ ތެރޭގައި އެންމެ ގިނައީ ވިހާއިރު ތުއްތު ކުދިންގެ ހިތުގައި ލޯވަޅެއް ހުރުމުގެ އައިބެވެ. މިފަދަ 6 ކޭސް އައިޖީއެމްއެޗްގައި އެކަނިވެސްވަނީ ފެނިފައެވެ.
މިބާވަތުގެ އަނެއް އައިބަކީ 'އޮސްޓިއަމް ސެކަންޑަމް' ނުވަތަ ހިތުގެ ދެފަޅިން ފޮނުވާ ލޭ އެއްވެ، ހިތް އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރުމަށް ހުރަސްއަޅާ އައިބެވެ. މިފަދަ 4 ކޭސް އެހޮސްޕިޓަލުންވަނީ ރިޕޯޓުކޮށްފައެވެ. އަނެއް އައިބަކީ 'ޕޭޓެންޓް އޯރ ޕަރސިސްޓެންޓް ފޯރައިމަން އޮވެއިލީ' ނުވަތަ ހިތުގެ މަތީ ޗެމްބަރުގައި އުފަންވާއިރު ހުންނަ ލޯވަޅު، އުފަންވުމަށްފަހު ބަންދު ނުވެހުރުމުގެ އައިބެވެ. މިފަދަ 4 ކޭސްވެސް އައިޖީއެމްގައިވަނީ މިދިޔަ އަހަރު ފެނިފައެވެ.
އެއް އައިބެއްގެ ގޮތުގައި އެންމެ ގިނައިން ފެނިފައިވަނީ އުފަންވާއިރު، ދުލުގައި ގޮށް ޖެހިފައި ހުންނަ ކުދިންނެވެ. މިގޮތުން މިދިޔަ އަހަރު މިފަދަ 16 ކޭސްއެއްވަނީ ފެނިފައެވެ. ރާއްޖޭގައި އެކި ބާވަތުގެ ޑައުންސިންޑްރޯމްވެސް އަންނަނީ އިތުރުވަމުންނެވެ. މިފަދަ 3 ކޭސް މިދިޔަ އަހަރު އައިޖީއެޗުން ރިޕޯޓްކޮށްފައިވެއެވެ. އަދި އިންޓަރނޭޝަނަލް ކުލެފިކޭސަން އޮފް ޑިޒީޒްއިން ކޮން ބާވަތެއްގެ ޑައުންސިންޑްރޯމްކަން ކްލެސިފައިކޮށްފައިނުވާ 2 ކޭސްވެސްވަނީ އައިޖީއެމްއެޗުން ރިޕޯޓުކޮށްފައެވެ.
މިދިޔަ އަހަރު އައިޖީއެމްއެޗްގައި ޖުމްލަ 78 ކުއްޖަކު އުފަންވީ އެކިބާވަތުގެ އައިބުތަކާއެކުގައެވެ. މިއީ ކަންބޮޑުވާންޖެހޭކަމެކެވެ.
މުސްތަޤުބަލުގެ ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މިއަދު ފިޔަވަޅުއަޅަންޖެހެއެވެ.
އުފަންވާއިރު ހުންނަ އެކި އައިބުތަކުން ރައްކާތެރިވުމަށް އެންމެ މުހިއްމީ ދަރިފުޅަށް ބަލިވެ އިނުމުގެ ކުރިން މައިމީހާގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ. މިގޮތުން ހަކުރުބަލި ކޮންޓްރޯލްކޮށް، ބަރުދަން ހުންނަންޖެހޭ މިންވަރަށް ބެހެއްޓުމާއި، މާބަނޑުވުމުގެ މަދުވެގެން 2 މަސްކުރިން އައި މާބަނޑުވުމާއެކުވެސް ފޯލިކް އެސިޑް ގަވާއިދުން ބޭނުންކުރުމެވެ.
ހަމައެއާއެކު ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުހެލިވެ، އޭގެ ދުމުގެ އަސަރުން ވީހާވެސް ބޮޑަކަށް އަމިއްލަ ނަފްސު ރައްކާތެރިކުރުމަކީވެސް މިފަދަ އައިބުތަކުން ދަރިފުޅު ރައްކާތެރިކުރުމަށް ކުރެވޭނެ ކަމެކެވެ. އަދި ހަށިގަނޑަށް ބޭނުންވާ މުހިއްމު އެކި ނިއުޓްރިޝަންސް ހިމެނޭ 'ފޮޓިފައިޑް' ގޮދަން ބޭނުންކުރުމަކީވެސް ކުރަންޖެހޭކަމެކެވެ. ތުއްތު ދަރިފުޅުގެ އައިބުތައް ދެނެގަނެވޭނެ ޤައުމީ ޑޭޓާ ބޭސްއެއް އެކުލަވާލާ އެދެވޭގޮތެއްގައި، އައިބުތަކަށް ކުދިން ޓެސްޓުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީވެސް މުހިއްމުކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ޑރ.އަޙްމަދު ފައިސަލް ވިދާޅުވީ ޢާއްމުގޮތެއްގައި މާބަނޑުވިކަން އެނގެނީ މައްސަރު ކަންތައް ނުޖެހި އެތައް ދުވަހެއް ވާފަހުންކަމަށެވެ. އުފަންވާއިރު ކުދިންގެ މައިބަދަނުބެދި، އޭގެ ސަބަބުން ކުރިމަތިވާ އައިބުތައް ފެށެނީ ބަނޑަށް 4 ހަފްތާގައިކަމަށެވެ. އެހެންކަމުން މައިބަދަ ރަނގަޅަށް އުފެދުމަށްޓަކާ ބޭނުންވާ ފޯލިކްއެސިޑް ލޭގެތެރޭގައި ރަނގަޅަށް ހުރުމަށް، ބަނޑުބޮޑު ނުވަނީސް ބޭސް ބޭނުންކުރަންޖެހެއެވެ. ޑރ.ފައިސަލް ވިދާޅުވީ މައްސަރުކަންތައް ނުޖެހިގެން ޓެސްޓުކޮށްގެން ކާންފަށާއިރު މިއައިބުން ރައްކާތެރިކުރުމަށް އެންމެ މުހިއްމު ކުރީ 4 ހަފްތާ ފާއިތުވެފައިވާކަމަށެވެ.
އެހެންކަމުން މާބަނޑުވުމުގެ ކުރިން ޢާއިލާ ޕްލޭންކޮށް ދެމަފިރިން އެކަމުގައި މަޝްވަރާކޮށް ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ކުރަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރިކަން ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ. ޑރ.ފައިސަލް ވިދާޅުވީ އުފަންވާއިރު ހުންނަ ބައެއް އައިބުތައް މެދުވެރިވަނީ ކީއްވެކަން ނުހޯދޭ ބައެއް ކަންކަންވެސް އެބަހުރިކަމަށެވެ. އެހެންނަމަވެސް މިއަދުގެ ސައިންސްގެ އެހީގައި ލިބިފައިވާ މަޢުލޫމާތުން އެނގެންހުރި ކަންކަމުން ރައްކާތެރިވުމަށް ބާރުއެޅުމަށް ޑރ.ފައިސަލް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮންމެ ޢާއިލާއަކުންވެސް ތުއްތު ކުއްޖާއަށް އިންތިޒާރުކުރަނީ ދުޅަހެޔޮ ކުއްޖެއްކަމުގައި ލެއްވުމުގެ އުއްމީދާ އެކުގައެވެ. އެހެންކަމުން އެކަން އެގޮތަށް މެދުވެރިވުމަށް ފުރަތަމަ ތިމާގެ ޢާއިލާއަކީ ދުޅަހެޔޮ ޢާއިލާއަކަށް ހެދުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.
އުފަންވާއިރު ކުދިންގެ ކިބައިން ފެންނަ އައިބުތައް ދެނެގަނެ އެއާއި ގުޅޭ މަޢުލޫމާތު އެއްކޮށް ފުރަތަމަ ފަހަރަށް މުޅި ދުނިޔޭގައިވެސް، އޮންލައިން ޑޭޓާބޭސްއެއް ޤާއިމުކުރުމުގެ މަސައްކަތް ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާ 6 ޤައުމަކުން އަންނަނީ ޑަބްލިއުއެޗްއޯއާއި ގުޅިގެން ކުރަމުންނެވެ.
ސަރަޙައްދީ ޤައުމުތަކުން ބައިވެރިވާ މިޑޭޓާބޭސްގައި މިހާތަނަށް 4.7 މިލިއަން ބަރތް ޑިފެކްޓްގެ ކޭސްތައް ރިކޯޑުކޮށްފައިވާކަމަށް ޑަބްލިއުއެޗްއޯއިން ވިދާޅުވެއެވެ. މުޅި ދުނިޔޭގައި ކޮންމެ އަހަރަކުވެސް 8 މިލިއަން ތުއްތު ކުދިން އުފަންވަނީ އެކި ބާވަތުގެ އައިބުތަކާއެކުގައިކަމަށް ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.