ޚަބަރު

ގުރައިދޫ، އެމްޑީޕީ ޕްރައިމެރީގައި 4 މީހަކު ވާދަކުރާނެ


ކ. ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ވާދަކުރުމަށް ހަތަރު މީހަކު ކުރިމަތިލައިފިއެވެ. ޕްރައިމެރީގައި ވާދަކުރަން ނަން ހުށައެޅުމަށް މިދިޔަ މަހުގެ 27ގައި ހުޅުވާލި ފުރުސަތު މިމަހުގެ 2 ވަނަދުވަހު ވަނީ ހަމަވެފައެވެ.

ޕްރައިމެރީގައި ވާދަކުރާ ކެނޑިޑޭޓުން

1- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
2- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
3- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
4- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ

ގުރައިދޫ ދާއިރާގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމެރީ އޮންނާމީ މިމަހުގެ 11 ވަނަދުވަހުއެވެ. މި ދާއިރާގައި މިިދިޔަ ތިން ދައުރުވެސް އެމްޑީޕީންް ވާދަކުރިނަމަވެސް އެ ޕާޓީއަކަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ގުރައިދޫ ދައިރާގެ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިމަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މެންބަރުކަން ކުރައްވާފައެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވުމުން އެ ދާއިރާގެ ބައި- އިލެކްޝަން އަންނަ އޭޕްރިލްމަހުގެ 15ވަނަ ދުވަހު ބާއްވާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. ގުރައިދޫ ދާއިރާގައި ގުރައިދޫގެ އިތުރުން ދެން ހިމެނެނީ މާފުއްޓާއި ގުޅި އެވެ.