ޚަބަރު

ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން: 8 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި


ރ. ދުވާފަރު ކައުންސިލުގެ، ކޮރަޕްޝަން މައްސަލައިގައި ހިމެނޭ 8 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްޞަ މޮނިޓަރިންގ ރިޕޯޓަކުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން 12 މީހެއްގެ މައްސަލަ ތަޙުޤީގުކޮށް، ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާއަށްފަހު، ދަޢުވާކޮށްދިނުމަށް ނިންމާފައިވާ 8 މީހުންގެ ތެރޭގައި އެކައުންސިލްގައި އޭރުތިބި މެންބަރުންނާއި ބައެއް މުވައްޒަފުންވެސް ހިމެނޭކަމަށް އޭސީސީން ވިދާޅުވެއެވެ.

ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 8 މީހުންގެ ތެރޭގައި ހިމެނެނީ، ދުވާފަރު ކައުންސިލްގެ ރައީސް ޙަސަން ޙަކީމް، ކައުންސިލްގެ ނާއިބު ރައީސް ޢިޒްމީލް އަޙުމަދު، ކައުންސިލްގެ އޭރުގެ މެންބަރު އަޙްމަދު ސަމޫޙު، ކައުންސިލްގެ މެންބަރު މުޙައްމަދު ޝާމް، ކައުންސިލްގެ މެންބަރު ޒުހުދާ އާދަމް، ކައުންސިލްގެ މެންބަރު އާމިނަތު ޞަލާޙު އަދި ސެކްރަޓަރީ ޖެނަރަލް މުޙައްމަދު ނާޞިޙްގެ އިތުރުން ދުވާފަރު ކައުންސިލްގެ އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރ، މުޙައްމަދު ޢަލީފުޅުއެވެ.

އޭސީސީން ވިދާޅުވީ، މި އެންމެންގެ މައްޗަށްވެސް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށާއި، އެޤާނޫގެ 516 ވަނަ މާއްދާގައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން، ހަމަ އެޤާނޫނުގެ 517 ވަނަ މާއްދާގައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދައުވާކަމަށެވެ.

އޭސީސީން ވިދާޅުވީ އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާއެކު، ޚާއްސަ ޓީމަކުން ދުވާފަރަށް ގޮސް ތަޙުޤީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، 2 މަސްދުވަހުގެ ތެރޭގައި މައްސަލައިގެ ތަޙުޤީގު ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާކަމަށެވެ. އަދި މިމީހުންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައިވަނީ ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން އިސްލާޙުކުރުމަށް އެންގިކަންކަން އިސްލާހު ކުރުމަށްފަހު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ރ.ދުވާފަރުން ހިންގި ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން އެލްޖީއޭއިން ޢާންމުކުރި ރިޕޯޓްގައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުޢާމަލާތްތައް ހާމަކޮށްފައެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މި މުޢާމަލާތްތަކުގައި ކައުންސިލްގެ ޑިރެކްޓަރާއި، ކައުންސިލްގެ ރައީސްއާއި މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކޮންޓްރެކްޓް މުވައްޒަފުންނަށްވެސް ފައިސާ ޖަމާކޮށްފައިވާ ކަމަށް އެލްޖީއޭގެ ރިޕޯޓްގައިވެއެވެ. އަދި ލިޔެކިޔުންނެތި ކައުންސިލްގެ ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ކައުންސިލްގެ މުވައްޒަފުންގެ އެކައުންޓްތަކަށް، ޖަމާކޮށްފައިވާކަންވެސް އެލްޖީއޭގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.