ޚަބަރު

ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ތިލަފުށީގައި ބަލްކް ޓަރމިނަލެއް


މާލެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބަލްކް ޓަރމިނަލްއެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ބަލްކް ޓާރމިނަލް އަކީ ހިލަ، ހިލަވެލި އަދި ދަނގަޑު ފަދަ ސާމާނު އެތެރެކޮށް، ރާއްކާކުރާ ޓާރމިނަލްއެކެވެ.

ޕީޢެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަނަތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށެވެ. އަދި އެކަން ހައްލުކުރުމަކީ އެކުންފުނިން މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތައްކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

" މިހާރު އެންމެ ދަތިކަމަކަށް އަޅުގަނޑުމެންނަށް މިއޮންނަނީ ޖާގައިގެ ދަތިކަން. ހާއްސަކޮށް މާލެ ކޮމާޝަލް ހާބަރގައި މިކުރާ މަސައްކަތްތަކުގައި އަޅުގަނޑުމެންނަށް އެވޭލަބަލް ސްޕޭސް ނެތުން. މިހާރު އަޅުގަނޑުމެން މިކުރަނީ އަސްލު ހަގީޤަތުގައި އަހަރަކު 50 ހާހުގެ ކޮންޓެއިނަރގެ ހިންގޭ ވަރު ޖާގައެއްގައި އަޅުގަނޑުމެން މިއޮޕަރޭޓް ކުރަނީ 130000 ( އެއްލައްކަ ތިރީސް ހާސް) ގެ ކޮންޓެއިނަރުގެ އޮޕަރޭޝަންތައް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިހާރުވެސް އެމްޕީއެލްއިން މަސައްކަތްތައް ކުރަނީ ކެޕޭސިޓީއަށްވުރެ 3 ގުނަ އިތުރަށްކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް މިޙާރު ތިލަފުށިީގައި ބަލްކް ޓަރމިނަލްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ތިލަފުށީގައި ބަލްކް ޓާރމިނަލްއެއް ތަރައްޤީކުރުމަށް މިހާރު އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށެވެ. އަދި މިޓަރމިނަލްގެ މަސައްކަތްތް ވަރަށް އަވަހަށް ފަށާ މިއަހަރުގެ ތެރޭގައި މިބަލްކް ޓާރމިނަލް ބޭނުންކުރަން ފެށޭނެކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މި ބަލްކް ޓަރމިނަލް އަވަސްކުރަން ބޭނުންވާ އެންމެ ބޮޑު އެއް މަޤްސަދަކީ ގުޅީފަޅު މަޝްރޫއު ލަސްވެގެންދާއިރުވެސް، ރާއްޖެއަށް އެތެރެކުރާ މުދަ މިއަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. އެހެންވީމަ އަޅުގަނޑުމެންނަށް ޓެމްޕަރަރީ ހައްލެއްގެ ގޮތެއްގައިވެސް ހުސް ކޮންޓެއިނަރ ޖައްސާނެ ޖާގައެއްވެސް ލިބިގެންދާނެ." ޝަހިދު ވިދާޅުވިއެވެ.

ތިލަފުށީގައި ތަރައްޤީކުރެވޭ ބަލްކް ޓަރމިނަލް އަކީ 200 މީޓަރުގެ ކީވޯލް ސަރަހަދެއްކަމަށް ޝާހިދު ވިދާޅުވިއެވެ. މިޓަރމިނަލް ތަރައްޤީވެގެން ދިއުމުން ރާއްޖެއަށް އެތެރެކުރެވޭ ހިލަ، ހިލަވެލި އަދި ދަގަނޑު ފަދަ ތަކެތި ކްލިއަރ ކުރުމަށް ޖާގަ ލިބި އެތަކެތި ރައްކާކުރެވޭނެ ޖާގަވެސް ފަހިވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ތިލަފުށީގައި ބަލްކް ޓާރމިނަލްއެއް ތަރައްޤީކުރުމުގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރުގައި ޖާގައި އިތުރުކުރުމަށް އެކުންފުނިން އަންނަނީ މަސައްކަތްވެސްކުރަމުންނެވެ. އެގޮތުން، މާލޭ ވިޔަފާރި ބަނދަރުގެ ޖާގަ އިތުރުކުރުމުގެ ގޮތުން ޕޭވިން ބޮޑުކުރުމާއި ބިންގަނޑު ލެވަލްކޮށް، ގައު އެތުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.