ޚަބަރު

ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދަރުބާރުގެ


މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަށް މައިމަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސަވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިންކަމަށެވެ.

ޙަބީބު ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރުމަށް ދަރުބާރުގެ ދޫކުރުމާއި ގުޅިގެން އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ދަރުބާރުގެ ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށެވެ. އަދި އޭގެ ކުރިން ދަރުބާރުގެއަށް އެއްވެސް މަރާމާތެއް ކުރަންޖެހޭކަމުގައިވާނަމަ އެކަން މިމަސް ތެރޭގައި ނިންމާ، އަންނަ މަހު އެތަން ބޭނުންކުރެވޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ މައިމަރުކަޒުގެ ގޮތުގައި އެންމެފަހުން ބޭނުންކޮށްފައިވަނީ ބާޖަމާލުއްދީން ސްކޫލް ޢިމާރާތެވެ. އެހެންނަމަވެސް އެތަނުގައި ޢަރަބިއްޔާގެ އައު ސްކޫލް ޢިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.