ޚަބަރު

މާޅޮހު ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއަށް


ބ.މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. އެ މަސައްކަތް އެކުންފުންޏާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އޮޕްރޭޓިންގ އޮފިސަރު، ޝާހިދު ހުސެއިން މޫސާއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ.

މާޅޮހުގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރު ލާކުވެފައި އޮންނަތާ އެތައްއަހަރުތަކެއް ވަނީ ވެފައެވެ. 1999 ވަނަ އަހަރު އަމިއްލަ ފަރާތެއްގެ އެޙީތެރިކަމާއެކު އެރަށު ރައްޔިތުންގެ ބުރަ މަސައްކަތުން ހަދާފައި އޮތް މި ކުޑަކުޑަ ބަނދަރު މިއަދާހަމައަށް އޮޑިދޯނިފަހަރު ކައިރިކޮށްލެވޭވަރަށް އެއްގަމު ތޮށި އޮތީވެސް އެރަށު ރައްޔިތުން އަހަރަކު އެއްފަހަރު އެބަނދަރު މަރާމާތުކޮށް ބަލަހައްޓާތީއެވެ. މި ބަނދަރު ހަލާކުވާންފެށީ ސުނާމީ ކާރިޘާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެކަށީގެންވާ މަރާމާތު ނުކުރެވުމުގެ ސަބަބުންނެވެ.

300 ފޫޓް ދިގު 180 ފޫޓް ފުޅާ މިބަނދަރުގެ އެއްގަމު ތޮށިން ގާތްގަނޑަކަށް 100 އެއްހާ ފޫޓްގެ ސަރަހައްދު އޮތީ ބޭނުން ނުކުރެވޭ ހާލާތުގައެވެ. ބަނދަރުގެ އެއްގަމު ތޮށި ކައިރިން މޫދަށް ވެލި ދަމައިގެންގޮސް، އެސަރަހައްދުގައި ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފައެވެ.

އެސަބަބާހުރެ މުދާ އަރުވާ ބޭލުމަށާއި، އަރާ ފޭބުމަށް އެތައް ގޮންޖެހުމަކާ އެރަށު ރައްޔިތުންނަށް އަންނަނީ ކުރިމަތިވަމުންނެވެ. އޮޑިދޯނިފަހަރު އެޅުމަށް ބޭނުން ކުރަމުން އަންނަނީ ބަނދަރުގެ ހުރަހަށް އޮންނަ ދެތޮއްޓެވެ.

ބަނދަރުގެ މިހާރު ހަލާތާ ގުޅޭގޮތުން ވާހަކަދައްކަމުން އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ފަޅު ތިލަވުމުމާ ފަޅު ހަނިވުމުން، މުދާ އުފުލާ ބޯޓުތައް ބީހުމާއި، ފަޅުގައި ބޮޑެތި އުޅަނދުތަކަށް ގެންގުޅެން އުންދަގޫވަމުން ދިއުމަކީވެސް އޮތް ދަތިކަމެއްކަމަށެވެ.

"ބަނދަރުން ބޮޑު ބައެއް އެއޮތީ ވެއްޓިފަ. އެއީ ފަހުން މަރާމާތު ނުކުރާތީ. ރައްޔިތުންގެ އެހީތެރިކަމާއެކު ކައުންސިލުން އިސްވެ އޮވެ ކުރިން ބަނދަރު މަރާމާތު ކުރަމުންއައީ. އެކަމު ފަހުން ރައްޔިތުން ބޭނުންވީ ބަނދަރުގެ ހާލަތު ސަރުކާރުގެ ސަމާލުކަމަށް ގެނައުން. އެހެނަސް ވަރަށް އުނގަދޫތަކާ ކުރިމަތިވޭ. މިހާރު ބަނދަރުގެ އެކިއެކި ކަންކަމުގައި ހެދިގެން ނޫނީ ހައްލުނުލިބޭނެ މައްސަލައެއް މިއީ" އަބްދުﷲ ޝުޖާއު ވިދާޅުވިއެވެ.

މިރަށު ބަނަދަރު ތަރައްޤީ ކުރަނީ ރައްޔިތުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކުގައެވެ. ފަތުރުވެރިކަމުގެ ވިޔަފާރިވެސް ފުޅާކޮށް ކުރަމުން އެރަށަށް ބަނދަރުގެ ސަބަބުން އިޤްތިޞާދީ ގެއްލުން ވަމުން އަންނަކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.


މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 700 ފޫޓްގެ ދިގު ބަނދަރެއް ތަރައްޤީކުރާނެއެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހާ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް 69.47 މިލިއަން ރުފިޔާއަށެވެ.