ޚަބަރު

ރީޖަނަލް އެއަރޕޯޓްގެ ފީއަށް ގެނައި ބަދަލާ ގުޅިގެން ޓިކެޓްގެ އަގަށް ބަދަލުތަކެއް


ރީޖަނަލް އެއަރޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންއަށް ގެނައި ބަދަލުތަކާއި ގުޅިގެން މޯލްޑިވިއަންގެ ޓިކެޓްތަކުގެ އަގުތަކަށް ބަދަލު ގެނެސްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ މޯލްޑިވިއަންއިން އަބަދުވެސް މަސައްކަތްކުރަނީ ޓިކެޓްތަކުގެ އަގު ހިފެހެއްޓުމަށެވެ. އެހެންނަމަވެސް، ރީޖަނަލް އެއަރޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން ފީއަށް އައި ބަދަލާއި ގުޅިގެން މޯލްޑިވިއަންގެ ޓިކެޓްތަކުގެ އަގަށް ބަދަލު ގެންނަންޖެހުނީކަމަށް ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ އެންމެ ބޮޑު ބަދަދަލެއް އައިސްފައިވާނީ ކާޑެއްދޫގެ ޓިކެޓްކަމަށެވެ. އެގޮތުން، ކާޑެއްދޫގެ ޓިކެޓްއަށް 194 ރުފިޔާ އިތުރުކޮށްފައިވާކަމަށް ޖެނިފާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫ ދަތުރުތަކުގެ ޓިކެޓަށް 76 ރުފިޔާ އިތުރުކޮށްފައިވާއިރު، ކައްދޫ އެއަރޕޯޓްގެ ދަތުރުތަކަށް 100 ރުފިޔާ ވަނީ އިތުރުކޮށްފައިކަމަށް ޖެނިފާ ވިދާޅުވިއެވެ.

އެތައް އަހަރުތަކެއް ވަންދެން ބަދަލު ނުގެނެސް ހުރި ރީޖަނަލް އެއަރޕޯޓްސް ކުންފުނިން ގްރައުންޑް ހޭންޑްލިންގ ފީއަށް ބަދަލުތަކެއް ބަދަލު ގެނެސްފައިވަނީ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ފަހުންނެވެ. ރީޖަނަލް އެއަރޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިންގ ފީއަށް ގެނެސްފައިވަނީ 10 އިންސައްތައިގެ ބޮޑުކުރުމެކެވެ.

ރީޖަނަލް އެއަރޕޯޓްސްގެ ދަށުން މިވަގުތު 6 އެއަރޕޯޓެއް ހިންގަމުން އާދެއެވެ. އެއީ ހޯރަފުށި އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.