ޚަބަރު

ރައީސް ސާލިހު، ޤާސިމާއި ބައްދަލުކުރައްވައިފި؛ ސިޔާސީ މަޝްވަރާކުރެއްވި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ދެބޭފުޅުން ބަދަލުކުރައްވާފައިވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޤާސިމް އިބްރާހީމް ބައްދަލު މި ކުރެއްވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށް ވަނީ ދީފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ޤާސިިމް ވަނީ މީޑިއާއާއި ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލަށް ޤާސިމް ވަޑައެއްނުގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭރުގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާ ސިޔާސީ ވާހަކަ ދެއްކެވިކަމަށެވެ. ނަމަވެސް ކޯލިޝަން ހެދުމާއި، ރިޔާސީ އިންތިޚާބުގައި ޤާސިމް ނުވަތަ ޖުމްހޫރީ ޕާޓީން ނިންމާނެ ގޮތަކާއި ގުޅޭގޮތުން ޤާސިމް ވާހަކަ ނުދައްކަވައެވެ.

ޤާސިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެނޑިޑޭޓެއް ނެރުމަށް ނުވަތަ އެޕާޓީން އިސްވެ އޮވެ ކޯލިޝަން ހެދުމަށް ޤަރާރެއް ޤައުމީ ކޮންފަރެންސުން ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް އެ ޤަރާރާއި މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުންކަމަށް ޤާސިމް ވިދާޅުވިއެވެ. ކޯލިޝަން ހަދަން އެއްވެސް ޕާޓީއަކާއެކު މަޝްވަރާ ކޮށްފައި ނުވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކިހިނެއްތޯ ކޯލިޝަން ހަދަން މަޝްވަރާކުރާނީ މިވަގުތުވެސް ކޯލިޝަނުގައި ތިބިބައެއް. ކޯލިޝަން ހެދުމާމެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން. ކޮންފަރެންސުން އެބައޮތް ރިކަމެންޑެއް ދީފަ ޕާޓީން ކެނޑިޑޭޓަކު ނެރެން. އެކަމު އަޅުގަނޑުމެން އަދި ވަކި ގޮތެއް ނުނިންމަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓިއަކީ މިސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކޯލިޝަން ހެދުމުގެ ބާރު އެޕާޓިގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެޕާޓީ ޤައުމީ މަޖިލީހުން ވަނީ ދީފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯލިޝަން ހެދުމަށް ސަރުކާރުގެ ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖުމްހޫރީ ޕާޓީ އާ ބައެއް އެހެން ޕާޓީތަކަށް ދަޢުވަތު ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ރައީސް ދެއްވި ދަޢުވަތު ޤަބޫލުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޢަދާލަތު ޕާޓީއާއި، އެމްޑީއޭ ނިންމާ އެ ދެޕާޓީން އެކަން ވަނީ އިއުލާންކޮށްފައެވެ.