ޚަބަރު

ގެއްލިފައިވާ މީހުންގެ މައްސަލައާއި ގުޅިގެން ފުލުހުން ކޮމިޓީއަށް ޙާޒިރުކުރަނީ


ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241 ކޮމިޓީ)އަށް ފުލުހުން ޙާޒިރުކުރުމަށް ނިންމައިފިއެވެ.

ދާދިފަހުން ކައިރިކައިރީގައި މީހުން ގެއްލުމުގެ ހާދިސާތަކެއް ރިޕޯޓްކޮށްފައިވެއެވެ. މިކަމާއި ގުޅޭގޮތުން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ބަލަމުން އަންނަނިކޮށް، މަޑުއްވަރީ ދާއިރާގެ މެންބަރުން އާދަމް ޝަރީފްވެސް މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އެހެންކަމުން އެ ދެ މައްސަލަވެސް އެކުގައި ކުރިއަށް ގެންދިއުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

ވީނުވީއެއް ނޭނގި ބައެއް މީހުން ގެއްލިފައިވާ މައްސަލައާއި ގުޅިގެން ކޮމިޓީއަށް ފުލުހުން ޙާޒިރުކުރުމަށް ހުށައެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން ޙުސައިން ޝަހީމެވެ. އެ ހުށައެޅުން ފާސްވީ ކޮމިޓީއަށް ޙާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ވީނުވީއެއް ނޭގި ގެއްލިފައިވާ މިހުންގެ މައްސަލަ ކޮމިޓީއަށް ހުށައެޅީ އއ. މަތިވެރި، ހަސަން އަލީ، ހަސަންފުޅުބެއާއި، ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު ގެއްލުނު މައްސަލައާއި ގުޅިގެންނެވެ.

ކޮމިޓީއަށް ފުލުހުން ހާޒިރުކުރަން ނިންމާފައިވާއިރު، އާސިރު މިހާރު ވަނީފެނިފައެވެ. ނަމަވެސް އާސިރު ގެއްލުނު ހާދިސާއާއި ގުލިގެން ސުވާލު އުފެދޭ ކަންކަން ހުރިކަމަށާއި، އެކަމާއި ގުޅޭ ތަފްސީލް ފުލުހުން ހާމަނުކުރާތީ އެކަންވެސް ސާފުކުރުމަށް ވަނީ ނިންމާފައެވެ.