ޚަބަރު

"ބީވީމާާ" ނުބެލި ތިބި މީހުންނަށް ފުރުޞަތެއް، ވަދާޢީ 3 ޝޯވ ދައްކަނީ


ޑާކް ރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ"އަކީ ފިލްމު އިޢުލާންކުރި ހިސާބުން ފެށިގެންވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ފިލްމެކެވެ. ދިވެހި ފިލްމަށް ލޯބިކުރާ އެތައް ބައެއްގެ ލޯބި ލިބިގެން ދިޔަ ފިލްމެކެވެ. މިމަހުގެ 6 ދުވަހު ޕްރިމިއާކުރި އެ ފިލްމު، މިހާތަނަށް ވަނީ ހައުސްފުލް 15 ޝޯވ ދައްކާފައެވެ. މިހާރު "ބީވީމާ" ޓީމުން ދަނީ ވަދާޢީ ޝޯވތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ހުރީ ފިލްމަށް ލިބުނު ތަރުހީބާމެދު ހިތްހަމަ ޖެހިގެންނެވެ. ވަރަށް ރަނގަޅު ތަރުހީބެއް ފިލްމަށް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. މިއާއެކު ކުރިއަށް އޮތީ ފިލްމުގެ ވަދާޢީ ޝޯވތަކެވެ. އެގޮތުން ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ވަދާޢީ ޝޯވތައް އޮންނާނެކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

އެހެންކަމުން ފިލްމު ބަލާލަން ނުދެވި ތިބި ފަރާތްތަކަށް އަދިވެސް އެ ފިލްމު ބަލާލުމުގެ ފުރުޞަތު އެބައޮތެވެ. ފިލްމުގެ ޓީމުން ވަނީ ޓިކެޓް ގަތުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން 9911229 ނަންބަރަށް ގުޅައިގެން ބުކިން ހެއްދޭނެކަމަށް މޮގާ ބުންޏެވެ. އަދި ސިނަމާއަށް ނުގޮސް ޓިކެޓް ނެގޭނެ އިންތިޒާމްވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ފިލްމު ބަލާލަން ދާން ބޭނުންވާ މީހުންގެ ޢަދަދާއި ބޭނުންވާ ރެއަކަށް ޓިކެޓް ނެގުމަށް ވައިބަރ ކޮށްލުމުން ޓިކެޓް ނެގޭނެކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ވައިބަރ ކޮށްލީމަވެސް ޓިކެޓް އެބަ ނަގައިދެން. މިސާލަކަށް 2 ވަނަ ދުވަހަށް ޓިކެޓް ބޭނުންވާނަމަ އޮންލައިންކޮށް ޓްރާންސްފާކޮށްލީމަ އަޅުގަނޑުމެން ޓިކެޓް ނަގާފަ ޓިކެޓުގެ ފޮޓޯ ވަގުތުން މި ފޮނުވާލަނީ. ދެން ފިލްމަށް އެމީހުން އައީމަ ޓިކެޓް މި ހަވާލުކޮށްލަނީ." ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.

އޮލިމްޕަސް މަރާމާތަށްފަހު ބޮޑު ބަދަލާއެކު އެޅުވި ފުރަތަމަ ފިލްމަކީވެސް "ބީވީމާ"އެވެ. އެކި ގޮތްގޮތުން ޚާއްސަ މިފިލްމަށް ޢާއްމުންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެންގޮސްފައެވެ. ފިލްމަށް ދިޔަ ގިނަ ބަޔަކުވަނީ ގިނަ ދުވަސްތަކަކަށްފަހު ދިވެހި ސިނަމާއިން ބަލާލަން ލިބުނު މިފިލްމާއި މެދު ހިތްހަމަޖެހޭކަން ފާހަގަކޮށްފައެވެ.

މި ފިލްމު ޚާއްސަވާ އެއް ސަބަބަކީ ރާއްޖޭގެ މާޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެކްޓިންގެ ދާއިރާއަށް ނުކުތް ފިލްމަށް "ބީވީމާ" ވެގެންދިޔުމުންނެވެ. ޕީ.އެސް.އެމް ނިއުސްއާއި ވާހަކަ ދައްކަމުން އަޝްފާ ބުނީ އަސްލު ހީކުރިވަރަށްވުރެ ފިލްމުގެ މަސައްކަތް ފަސޭހަ ކަމަށެވެ. އެއީ ފިލްމުގެ މުޅި ޓީމުން ވެދިން އެހީތެރިކަމުގެ ސަބަބުންކަން އަޝްފާ ފާހަގަކުރިއެވެ.

ރާއްޖޭގެ މަޝްހޫރު ސްކްރީން ރައިޓަރު އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓު ކޮށްފައިވާ "ބީވީމާ" ފިލްމުގައި އަޝްފާއާއެކު ލީޑް ރޯލުން ދެން ފެނިގެންދަނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މި ދެ ތަރިންގެ ސްކޫލު ދައުރާއި ފުރާވަރުގެ ދުވަސްތައް ގެނެސްދޭނީ ޒުވާން ދެ ތަރިންކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި އާދަމް ޒިދާން (ނާނަ) އެވެ. ޒިދާނަކީވެސް ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފުވާ މޫނެކެވެ.

"ބީވީމާ" އަކީ ޑާކްރެއިނުން ސްކްރީނަށް ގެނައި 13 ވަނަ ފީޗަރ ފިލްމެވެ. ކޯވިޑްގެ ތެރޭގައި ޝޫޓިންގގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔަ މި ފިލްމަކީ ތަފާތު ތަޖުރިބާތަކެއް ކުރެވުނު އަދި ބުރަ މަސައްކަތްތަކެއްވެސް ކުރަންޖެހުނު ފިލްމެއްގެ ގޮތުގައި ޑާކްރެއިނުން ފާހަގަކުރެއެވެ.

މި ފިލްމުގައި ލޯބީގެ ހައިރާންކުރުވަނިވި ކަންތައްތަކެއް ފެނިގެންދެއެވެ. "ބީވީމާ"ގެ އިތުރުން އިތުރު 3 ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޑާކްރެއިނުން އަންނަނީ ތައްޔާރުވަމުންނެވެ.