ޚަބަރު

އެމްއާރުއެމުން އަނެއްކާވެސް 3000 މެންބަރުން ހަމަކޮށް ފޯމް ހުށައަޅައިފި


މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން 3،000 މެންބަރުން ހަމަކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅައިފިއެވެ.

އެމްއާރުއެމްގައި ޤާނޫނީ ޢަދަދު ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ނޯޓިސް ދީފައިވަނިކޮށް، 3000 މެންބަރުން ހަމަކުރުމަށްފަހު އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅީ އިއްޔެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެމްއާރުއެމްގައި މިވަގުތު ތިބީ 2981 މެންބަރުންނެވެ. މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގައިވެސް އެމްއާރުއެމްގައި ޤާނޫނީ ޢަދަދު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ނޯޓިސް ދީފައިވެއެވެ. ނަމަވެސް ނޯޓިސް ދިނުމާއެކު އެމްއާރުއެމުން ވަނީ 3000 މެންބަރުން ހަމަކޮށްފައެވެ.

އެމްއާރުއެމްގެ އިތުރުން ޤާނޫނީ ޢަދަދު ހަމަނުވާ ޕާޓީތަކަކީ ދާދިފަހުން އުވާލަން ނިންމި ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީއާއި، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ، އެމްއެލްއެސްޑީޕީއެވެ.

އެމްއާރުއެމްއަކީ 2005ވަނައަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިންފަހުން ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަނުގައި އެމްއާރުއެމް ރަޖިސްޓްރީކޮށްފައިވަނީ، 20 ނޮވެމްބަރ 2019ގައެވެ.