ޚަބަރު

އޮޑިޓްގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ބޮޑު މަހާސިންތާއެއް


މިނިސްޓްރީ އޮފް ފިނޭންސްއިން އިސްނަގައިގެން "ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް" ގެ ނަމުގައި މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ. މިމަހާސިންތާ ކުރިއަށްދާނީ މަރޗް މަހުގެ 1 ވަނަ ދުވަހުން 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް" އާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެމްބަރު އައިޝަތު އަބްދުﷲ ވިދާޅުވީ، މިމަހާސިންތާގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވޭނީ އިންޓަރނަލް އޮޑިޓް ރޭވިފައިވާ ގޮތާއި އޮޑިޓާއި ގުޅޭ ޓެކްނިކަލް ދާއިރާތަކާއި އިދާރާތައް ހިންގުމާއި ގުޅޭ ކަންތައްތަކާއި ބެހޭގޮތުންކަމަށެވެ.

މިކޮންފަރެންސްގައި ސަރުކާރުގެ އިދާރާތަކުން 300 މީހުން ބައިވެރިވާނެއެވެ. އަދި ލޯކަލް ކައުންސިލްތަކުން ބައިވެރިވާ ފަރާތަތަކުގެ އިތުރުން އޮންލައިންކޮށްވެސް 400 ފަރާތަކުން މިކޮންފަރެންސްގައި ބައިވެރިވާނެއެވެ. އެހެންކަމުން މިއީ މިދާއިރާއިން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ކޮންފަރެސަށް ވެގެންދާނެ ކަމަށް އައިޝަތު އަބްދުﷲ ވިދާޅުވިއެވެ.

މިކޮންފަރެންސްގެ މަޤްޞަދަކީ ދައުލަތުގެ ވުޒާރާތަކުގެ އޮޑިޓަރުންނާއެކު އެއްތަނަކުން ބައްދަލުވެ، އޮޑިޓްގެ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރުމެވެ.

"މިކޮންފަރެންސް ނިމޭއިރު ހާސިލްކުރަން ބޭނުންވާ ވަރަށް ބައިވަރު ލަނޑުދަނޑިތަކެއް އެބަހުރި. އެގޮތުން، މިނިސްޓްރީގެ ފުންނާބު އުސް ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކުރުމާއި މިހާރުގެ އިންޓަރނަލް އޮޑިޓަރުންނާއި މެދު ދެކޭގޮތް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއް" ސްޓޭޓް އިންޓަރނަލް އޮޑިޓް ކޮމިޓީގެ މެމްބަރު އައިޝަތު އަބްދުﷲ ވިދާޅުވިއެވެ.

މިމަހާސިންތާއާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ އޮޑިޓް ސެޕްޝަލިސްޓް މުހައްމަދު ޒައީމް ވިދާޅުވީ މިކޮންފަރެންސް ނިމިގެންދާއިރު ދައުލަތުގެ އިންޓަރނަލް އޮޑިޓް ނިޒާމު އެކުލަވާލާފައިވާ ގޮތް ބަޔާންކޮށް، އިދާރާތަކުގެ އޮޑިޓް ފަންކްޝަންތައް ހަރުދަނާވެގެންދާނެކަމަށެވެ.

މިފަދަ އިންޓަރނަލް އޮޑިޓް ކޮންފަރެންސްތަކަކީ އާންމުކޮށް ބޭރު ޤައުމުތަކުގައި ކުރިއަށްދާ ކޮންފަރެންސްތަކަށްވުމާއެކު މިފަދަ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް ބޭނުންވެފައިވާކަމެއް ކަމަށް މުހައްމަދު ޒައީމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދައުލަތުގެ އިންޓަރނަލް އޮޑިޓްގެ ނަމުގައި މަސައްކަތް ފަށާފައިވަނީ 2009 ވަނަ އަހަރުއެވެ. ނަމަވެސް ދައުލަތުގެ ލެވެލްގައި ނިޒާމީ ގޮތެއްގައި އިންޓަރނަލް އޮޑިޓް ނިޒާމް ހިންގަން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ.

އިންޓަރނަލް އޮޑިޓް ނިޒާމަކީ އޮފީސްތަކުގައި ހުންނަ ހިރާސްތައް ދެނެގަނެ އެކަންކަން ކުޑަކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމާއި ދައުލަތުގެ އޮފީސްތައް ހިންގަނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްތޯ ބެލުމަށް ކުރިއަށް ގެންދާ ނިޒާމެކެވެ.