ޚަބަރު

"ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި އިދާރާ ހިންގަމުން ގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ބެއްލެވުމުގެ ދަށުންނެވެ.

ނޭޝަނަލް ޖޮބް ސެންޓަރ ޤާއިމުކުރެއްވީ، ރާއްޖޭގައި ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތައް ގުޅުވައިދިނުމަށާއި، މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދިނުމަށާއި، ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާކޮށް އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، ވަޒީފާއާ ގުޅުންހުރި ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރެއްވުމަށެވެ.

ނޭޝަނަލް ޖޮބް ސެންޓަރުގެ މަސައްކަތްތައް

1. ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންކުރެ ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުން.

2. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

3. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް އާމްދަނީ ހޯދުމަށް ކުރާނެ ސްކިލްޑް އަދި ސެމީ-ސްކިލްޑް މަސައްކަތްތައް ދަސްކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، އެކިއެކި ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، ހުނަރުވެރިކަން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންކުރުމުގައި އެހީތެރިވުން.

4. މަސައްކަތްކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެންހުރި މަސައްކަތްތަކާއި، އަދާކުރެވިދާނެ ވަޒީފާތައް ޚިޔާރުކުރުމަށް ލަފަޔާއި، އިރުޝާދުދެވޭނެ ގޮތްތައް ރާވައި ހިންގުން.

5. މަސައްކަތްކުރާ އުމުރުފުރައިގެ ދިވެހިން، އާމްދަނީ ލިބޭފަދަ މަސައްކަތެއް ކުރުމަށް ބާރު އެޅުމަށާއި، މަސައްކަތަށް އަހުލުވެރިކުރުމަށްޓަކައި ޕުރޮގުރާމުތައް ރާވައި ހިންގުން.

6. ވަޒީފާގެ ފުރުޞަތުތަކާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތައް ރާވައި ހިންގުން.

7. ވަޒީފާގެ ބާޒާރާ ގުޅުންހުރި ދިރާސާ ކުރުމާއި، އެ ދިރާސާތަކުން ހޯދޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

8. ވަޒީފާ ދޭ ފަރާތްތަކާއި އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެން އެމްޕްލޯއިމަންޓް ސަރވިސަސް ފުޅާކުރުމަށް މަސައްކަތްކުރުން.

ކުރިއަށް ދާނެ ވަކި ދާއިރާއެއް އިހްތިޔާރު ނުކުރެވި ނުވަތަ ދާން ބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވާދިނުމަށް ޤައުމީ އެޕްރެންޓިސްޝިފް ޕްރޮގްރާމްގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ސަރުކާރުން ގެންދަވަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކުން ޒުވާނުންނަށް ތަމްރީނު ހަރަކާތްތައް ހިންގާ އެތަންތަނުން ވަޒީފާގެ ފުރުސަތުތައް ވަނީ ދީފައެވެ.

ސަރުކާރުގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 18 ހާހަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.